އެންމެ އިސްކަމެއްދޭނީ ކުށްކުރާ ކުދިންގެ މައްޗަށް ދަޢުވާނުކޮށް އިސްލާޙުކުރުމަށް: ޖުވެނައިލް ކޯޓް

22 Nov 2020 | 05:09

ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ ކުދިންނާއި ދަޢުވާ ކުރުމުގެ މަރުޙަލާގައި ތިބޭ ކުދިންގެ މައްސަލަތަކުގައި ދެން އެންމެ އިސްކަންދޭނީ ދަޢުވާ ކުރުމުގެ ބަދަލުގައި ޑައިވަރޝަން ޕްރޮގްރާމެއްގައި އެކުދިން ބައިވެރިކޮށް، އަލުން އަނބުރާ މުޖުތަމައުއަށް ގެނައުމަށްޓަކައި މަސައްކަތް ކުރުން ކަމުގައި ޖުވެނައިލް ކޯޓުން ބުނެފިއެވެ.

އިއްޔެ އަމަލުކުރަންފެށި ކުޑަކުދިންގެ އަދުލުގެ ޤާނޫނުގައި ވަނީ، އެ ޤާނޫނާ ޚިލާފުވާ، ޢުމުރުން 15 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންގެ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ ޚާއްޞަ އުޞޫލުތަކާއި، 15 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ޤާނޫނާ ޚިލާފު ޢަމަލުތަކަށް ހުށަހެޅޭ ކުދިންނާ އަދި ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާމެދު ޢަމަލުކުރާނެ ގޮތުގެ އުޞޫލުތައް މިޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

އެކޯޓުން ބުނީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ ކުދިންނާއި ދަޢުވާ ކުރުމުގެ މަރުޙަލާގައި ތިބޭ ކުދިންގެ މައްސަލަތަކުގައިވެސް އެންމެ އިސްކަމެއް ދެވޭނީ، އެފަދަ ކުދިންގެ މައްޗަށް ދަޢުވާ ކުރުމުގެ ބަދަލުގައި ޑައިވަރޝަން ޕްރޮގްރާމެއްގައި އެކުދިން ބައިވެރިކޮށް، އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި މަސައްކަތް ކުރުމަށް ކަމަށެވެ.

އަދި ހަމަ އެއާއެކު، ދަޢުވާ ކުރަންޖެހޭ މައްސަލަތަކުގައިވެސް، ކުދިންގެ މަޞްލަޙަތަށް ރިޢާޔަތްކޮށް އެކުދިން އިޞްލާހުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމީ، މި ޤާނޫނު ތަންފީޛު ކުރުމުގައި އެންމެ އިސްކަމެއް ދޭންޖެހޭ ކަންތައްކަން ވެސް އެކޯޓުން ފާހަގަ ކުރެއެވެ.

ކުޑަކުދިންގެ މައްސަލަތަކުގެ ޝަރީޢަތްތައް ހިންގުމުގައާއި، އަދަބު ކަނޑައެޅުމުގައާ އަދި ޙުކުމް ތަންފީޛު ކުރުމުގެ މަރުޙަލާގައިވެސް، ކުދިން ޕްރޮބޭޝަންގައި ނުވަތަ އިޞްލާޙީ ޕްރޮގްރާމެއްގައި ބައިވެރިކޮށް އެކުދިން ހެޔޮގޮތުގައި އަނބުރާ މުޖުތަމަޢަށް ގެނެސް، މުޖުތަމަޢުގައި ބިނާކުރަނިވި ދައުރެއް އަދާކުރާ ބަޔަކަށް ހެދުމީ، މި ޤާނޫނުގެ އެންމެ މުހިއްމު އެއް މަޤްޞަދުކަން ފާހަގަކޮށްފައި ވެއެވެ.

އަދި މި ޤާނޫނަށް ޢަމަލުކުރަންފެށުމަށްފަހު، ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ، ޖުވެނައިލް ކޯޓާއި، ޖުވެނައިލް ކޯޓުގެ ސަރަޙައްދީ ޑިވިޜަންތަކަށެވެ. މިޤާނޫނު ތަންފީޒު ކުރުމުގައި ވާންޖެހޭ އެންމެހައި ތައްޔާރީތައް، ކަމާއިގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ޖުވެނައިލް ކޯޓުން ގެންދަނީ ކުރަމުން ކަމަށް އެކޯޓުން ބުންޏެވެ.

Advertisement

ކޮމެންޓް