ދަގަނޑޭ ފައިނަލްގައި، މިއީ ދިވެހިންގެ ފަހަރަކަށް ހަދަމާ!

26 Nov 2020 | 09:31

އޭޝިޔަން ފުޓްބޯލް ކޮންފެޑެރޭޝަނުން ކްލަބްތަކަށް އިންތިޒާމްކޮށްގެން ބާއްވާ އެންމެ ބޮޑު މުބާރާތްކަމަށްވާ އޭއެފްސީ ކަޕްގައި ޖަހާފައިވާ އެންމެ މޮޅު ގޯލު ހޮވުމަށް ބާއްވާ "އޭއެފްސީ ކަޕް ބްރެކެޓް ޗެލެންޖް"ގެ ފައިނަލަށް ދިވެހިރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ކުޅަދާނަ ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ދަތުރުކޮށްފިއެވެ.

ސަޕޯޓަރުންގެ މެދުގައި ވޯޓު ނަގައިގެން އެއްވަނަ ހޮވާ މި ޗެލެންޖްގެ ފައިނަލަށް އޭނާ ދަތުރުކޮށްފައިވަނީ ވިއެޓްނާމްގެ ހަނޯއީ އެފްސީގެ ކުޅުންތެރިއެއް ބަލިކުރުމަށް ފަހުގައެވެ. އެ ބުރުން އޭނާ މޮޅުވެފައިވަނީ ފުދޭވަރެއްގެ ބޮޑު ތަފާތަކުންނެވެ.

މިހާރު ކުރިއަށްދާ ފައިނަލް ބުރުގައި ދަގަނޑޭއާއި ވާދަކުރަނީ. ހޮންގކޮންގގެ ސައުތު ޗައިނާ އޭއޭގެ ކުޅުންތެރިއެއް ކަމަށްވާ ޗަން ސިއު ކީ އެވެ. މި ބުރުގެ ވޯޓުލުން ނިމޭނީ ނޮވެމްބަރ 29 ވާ ދުވަހުގައި ރާއްޖެ ގަޑިން މެންދުރު އެކެއް ޖަހާއިރުގައެވެ. މިވަގުތު ވޯޓުގައި ކުރީގައި ދަގަނޑޭ އޮތް ނަމަވެސް މި ލީޑް ފުޅާކޮށް މޮޅުވުން ކަށަވަރުކުރުމަށް ވީހާވެސް ގިނަ ފަރާތްތަކުން ވޯޓުދިނުމަކީ މުހިންމު ކަމެކެވެ. ބެލެވޭ ގޮތުގައި ސައުތު ޗައިނާ އޭއޭގެ ސަޕޯޓަރުން ރާއްޖޭގެ ސަޕޯޓަރުންނަށް ރަނގަޅު ފައިޓެއް ދޭނެއެވެ.

މި މުބާރާތުގައި އެއް ފަހަރަށްވުރެ ގިނައިން ވޯޓުދެވޭނެއެވެ.

މި ޗެލެންޖްގައި ދަގަނޑޭ ވާދަކުރަނީ 2013ވަނަ އަހަރު އޭނާ ނިއުރޭޑިއަންޓަށް ކުޅުނު އިރު، އިންޑޮނީޝިޔާގެ ޕާސިބޯއާ ދެކޮޅަށް ޖެހި ގޯލަކުންނެވެ. އެގޮތުން ގޯލް ކީޕަރާއި ޑިފެންސްގެ ކުޅުންތެެރިން ކައިރިން ނައްޓާލުމަށްފަހު އޭނާ ޖެހި މި ގޯލަށް އޭރުވެސް ގިނަބަޔަކު ވަނީ ތައުރީފްކޮށްފައެވެ.

މި މެޗްގައި ނިއުރޭޑިއަންޓުން ހަތްގޯލު ޖެހިއިރު، އޭގެ ތެރެއިން ފަސް ގޯލު ޖަހާފައިވަނީ ދަގަނޑޭއެވެ. ދަގަނޑޭއަށް ވޯޓުދެއްވުމަށް މި ޖުމްލައަށް ފިއްތަވާލައްވާށެވެ.

Advertisement

ކޮމެންޓް