ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމަކީ ޙަރާމް ޙުކުމެއް: ޝުޖާއު

29 Nov 2020 | 22:45

ކުރީގެ ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޙުކުމަކީ ޙަރާމް ޙުކުމެއް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ ރައީސް ޔާމީން ނުޙައްގުން ޖަލުގައި ހުންނަވާތާ މިއަދަށް 1 އަހަރު ވުމާއި ގުޅިގެން ކޮށްފައިވާ ޓްވީޓެއްގައެވެ.

ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމަކީ ސީދާ "ހަރާމް ހުކުމެއް" ކަމަށާއި އެމަނިކުފާނުގެ މައްޗަށް އުފުލި ދައުވާއާ އިއްވި ހުކުމާ އެއްވެސް ވަރަކަށް ދިމާ ނުވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވައި، މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުގައި ހުންނެވި ފަނޑިޔާރު އަލީ ރަޝީދަށް ފާޑު ވިދާޅުވެ ޝުޖާއު ވިދާޅުވީ އެ މަގާމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި އަލީ ރަޝީދަށް ނުހުރެވޭނެ ކަމަށެވެ.

ޝުޖާއު ވިދާޅުވީ އަލީ ރަޝީދަކީ "ގުއި ހޭކިފައިވާ ފަނޑިޔާރެއް" ކަމަށާއި، އޭނާ އަކީ މުޅި ސުޕްރީމް ކޯޓަށް ހުރި ބޮޑުވެގެންވާ ހުތުރެއް ކަމަށެވެ.

ރައީސް ޔާމީން ޖަލަށްލާފައިވާތާ މިއަދަށް 1 އަހަރު ފުރޭއިރު، ވޭތުވެދިޔަ އަހަރުގެ ތެރޭގައި އިދިކޮޅުން ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި މަދު ހަރަކާތްތަކެއް ބާއްވާފައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ އަމަލެއް ހިންގުމުގެ ކުށް ސާބިތުވެ ފަސް އަހަރަށް އެމަނިކުފާނު ޖަލަށްލުމާއެކު ފަސް މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކަން ނޮވެންބަރު 28، 2019 ގައި ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި ކުރިއަށްދާ އިރު، އެ މައްސަލައިގެ އަޑުއެހުންތައް ނިމި މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގައެވެ.

Advertisement

ކޮމެންޓް