1953އިން ފެށިގެން ހިންގާފައިވާ އަނިޔާގެ ޢަމަލުތައް ބަލަނީ

30 Nov 2020 | 15:12

ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ފެށުނު ދުވަހުން ފެށިގެން، ހިންގާފައިވާ ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު މައްސަލަތައް ބެލޭގޮތަށް އިންތިގާލީ އިންސާފުގެ ބިލު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މިބިލު ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަޙްމަދު ރަޝީދެވެ.

އިންތިގާލީ އިންސާފުގެ ބިލު އެކުލަވާލެވިފައިވަނީ ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބަލައި، އެފަދަ ކަންކަމަށް އިންސާފު ހޯދައި ދިނުމަށް ބިލުގައި ހިމަނައިގެންނެވެ.

ކޮމިޓީ މަރުހަލާގައި ގިނަ އިޞްލާހުތަކެއް ގެނެސް މިހާރު ކޮމިޓީން ނިންމާފައިވަނީ 1953 ވަނަ އަހަރުން ފެށިގެން 17 ނޮވެންބަރު 2018 އަށް ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބެލޭނެ ގޮތަށެވެ.

ރާއްޖޭގެ ރައްިޔިތުންނަށް އިންތިގާލީ އަދާލަތު ޤާއިމްކޮށްދިނުމަކީ ރައީސް އިބްރާހިމް ޞާލިޙްގެ ރިއާސީ ވަޢުދުފުޅެކެވެ. ރައީސް ވަނީ ވެރިކަމުގެ ފުރަތަމަ ދެއަހަރު ތެރޭގައި އިންތިގާލީ އިންސާފް ގާއިމްކޮށްދެއްވާނޭ ކަމަށް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް