އިލްހާމާއި ޝަރީފް ބުނަނީ ނޫނެކޭ. އަދީބް ޔާމީނޭ ބުނާއިރަށް މިމީހުން އެބަބުނޭ އާއެކޭ އާއެކޭ: ނަރީޝް

03 Dec 2020 | 12:01

ކުރީގެ މަޖިލިސް މެންބަރު އިލްހާމް އަހްމަދާއި، މަރަދޫ ދާއިރާގެ މެންބަރު ޝަރީފްއަށް އަދީބް ފައިސާ ދިންކަމަށް ބުނުމުން ބުނަނީ ނޫނެކޭ ކަމަށާއި، ރައީސް ޔާމީންއޭ ބުނާއިރަށް އިލްހާމާއި ޝަރީފްވެސް އާއެކޭ އާއެކޭ ކިޔާތެޅި ގަންނަގަތުމަކީ އަރަތެއްކަމަށް އިދިކޮޅު ޕީޕަލް ނޭޝަނަލް ކޮންގްރެސްގެ ކައުންސިލް މެންބަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މަޖިލިހަށް ބިލެއް ހުށަހަޅަން މަރަދޫ ދާއިރާ މެންބަރު އިބްރާހީމް ޝަރީފަށް 20 މިލިއަން ރުފިޔާ އަދި އިލްހާމަށް 30 މިލިއަން ރުފިޔާ ދީފައިވާނެ ކަމަށް ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބު ބުނެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެމްޑީޕީގެ އެކްޓިވިސްޓަކު ލީކްކޮށްލާފައިވާ އަދީބުގެ ބަޔާނާއި ގުޅިގެން އިލްހާމާއި ޝަރީފްވެސް ވަނީ ވާހަކަ ދައްކަވާފައެވެ.

އިލްހާމާއި ޝަރީފްވެސް މިވާހަކަ ދޮގުކޮށްފައިވާއިރު، ކުރީގެ ރައީސް ޔާމީންގެ މައްޗައް ބޮޑެތި ކޮރަޕްޝަންގެ ތުހުމަތާއި، ވައްކަމާއި ރިޝްވަތުގެ ތުހުމަތު މި ދެބޭފުޅުން ކުރައްވަނީ އަހްމަދު އަދީބްގެ ވާހަކަތަކަށް ރިޔާއަތްކޮށެވެ. 

ޕީޕީއެމް/ޕީއެންސީގެ ފަރާތުން ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ވާދަކުރައްވާ އަހްމަދު ނަރީޝް އިތުރަށް ބުނެފައިވާ ގޮތުގައި އެމް.އެމް.ޕީ.އާރ.ސީގެ ހިޔާނާތުގެ ފައިސާ ގެ ހަޤީޤީ މަންފާކުރީ އެމްޑީޕީގެ އިސް ވެރިންނާއި މަޖިލީސް މެމްބަރުންނަށްކަމަށެވެ.

"ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ގެންނަ ބަދަލު އިބްރާހިމް ޝަރީފް ހުށައަޅާ ބިލެއްގެ ގޮތުގައި މަޖިލީހަށް ހުށައެޅުމަށް އަޅުގަނޑު ވާނީ އިބްރާހީމް ޝަރީފަށް 20،000،000 (ވިހި މިލިއަން ރުފިޔާ) ދިނުމަށް އެއްބަސްވެފައެވެ. ވޯޓްލާނެ މީހުންގެ ޕެކޭޖެއް ތައްޔާރުކުރީ އިބްރާހިމް ޝަރީފެވެ. ޕެކޭޖެކޭ އަޅުގަނޑު މި ބުނީ މި ޢަދަދަށް ފައިސާ ދިނުމަށް އެއްބަސްވުމުން މަޖިލީހުގެ ތެރެއިން ވޯޓް ހޯދަން ޖެހޭ އެހެނިހެން މެމްބަރުންނާއި ވާހަކަ ދައްކާނީ އިބްރާހިމް ޝަރީފް ކަމުން އިބްރާހިމް ޝަރީފާއި އެކު ވޯޓު ލާނެ މީހުންނަށެވެ." ލީކު ކޮށްފައިވާ ބަޔާނުގައިވެއެވެ.

Advertisement

ކޮމެންޓް