އެގްޒެކިއުޓާސް ކުންފުނިން އިތުރު ފަސް ވެންޓިލޭޓަރު ރާއްޖެއަށް ފޮނުވައިފި

17 Dec 2020 | 11:50

ދުބާއީގެ އެކްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ ކުންފުނީގެ ފަރާތުން ދިވެހިރާއްޖެއަށް ފޮނުވަންޖެހޭ ޖުމްލަ 75 ވެންޓިލޭޓަރުތަކުގެ ތެރެއިން ފަސް ވެންޓިލޭޓަރެއް ރާއްޖެއަށް ފޮނުވައިފިއެވެ.

އެގްޒެކިއުޓާސް ކުންފުނީގެ ފަރާތުން މި ފަސް ވެންޓިލޭޓަރ ރާއްޖެއަށް ހަވާލުކޮށްފައިވަނީ އޭޑީކޭ ކުންފުނި މެދުވެރިކޮށެވެ. މި ވެންޓިލޭޓަރުތަކަކީ އޭޑީކޭއިން ރާއްޖެއަށް ގެންނަ ޑްރެގާ ބްރޭންޑްގެ ވެންޓިލޭޓަރުތަކެކެވެ. އެކުންފުންޏަކީ މި ބްރޭންޑްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެކެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ އޮންލައިން މީޑިޔާއެއްކަމަށްވާ "ސަން" މައުލޫމާތުދެއްވަމުން ހެލްތު މިނިސްޓްރީގެ ކޮމިޝަނަރ އޮފް ކޮލިޓީ އެސުއަރެންސް ތަސްލީމާ އުސްމާން ވިދާޅުވީ މި ވެންޓިލޭޓަރުތަކުގެ ކޮލެޓީ ހެލްތު މިނިސްޓްރީގެ ޓީމަކުން ބަލާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެތަކެތި ހުރީ މަސައްކަތް ކުރާ ހާލަތުގައި ކަމަށާއި، ނަމަވެސް އެއާއެކު ގެންނަންޖެހޭ ދެ އާލާތެއް ގެނެސްފައި ނުވާ ކަމަށެވެ.

އެހެންކަމުން މި ވެންޓިލޭޓަރތަކާ ހެލްތު މިނިސްޓްރީން އަދި ހަވާލުވެފައި ނުވާ ކަމަށާއި، އެ އާލާތްތައް ހޯދުމަށް އެގްޒެކިއުޓާސް ކުންފުންޏަށް އަންގާފައިވާނެ ކަމަށް ތަސްލީމާ ވިދާޅުވިއެވެ. މި ތަކެތި ކުރިއަށްއޮތް ދިހަ ދުވަހުގެ ތެރޭގައި ލިބޭނެކަމަށް އެކުންފުނިން މިހާރު ވަނީ އަންގާފައެވެ.

އެކުންފުނިން ބާކީ ލިބެން އޮތް 60 ވެންޓިލޭޓަރު ލިބޭނެ ތާރީޚެއް އަދި ކަށަވަރުވެފައެއް ނުވެއެވެ.

އެގްޒެކިއުޓާސް ކުންފުންޏަކީ ޑަބްލިޔުއެޗްއޯއިން ރެކޮމެންޑްކުރި ކުންފުންޏެއްކަަމަށް ހެލްތު މިނިސްޓްރީން މީގެކުރިން ވަނީ ބުނެފައެވެ.

ނަމަވެސް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކުރި ހެލްތު މިނިސްޓްރީގެ ކޮވިޑް-19 ކޮމްޕަލަޔަންސް އޮޑިޓް ރިޕޯޓްގައިވާ ގޮތުގައި އެގްޒެކިއުޓާސް ކުންފުންޏަކީ ޑަބްލިޔުއެޗްެއޯއާއި އެއްވެސް މުއާމަލާތެއް ކޮށްފައިނުވާ، އަދި ރެކޮމެންޑެޑް ސަޕްލަޔަރެއްވެސް ނޫނެވެ. މި މައްސަލަ ހޫނުވެ އެންމެ ފަހުން އޭރުގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ.

Advertisement

ކޮމެންޓް