ޚަޝޯގްޖީގެ މަރުގެ މައްސަލައިގައި ސީއައިއޭއިން ތައްޔާރުކުރި ރިޕޯޓް އާންމުކުރުމަށް ބައިޑަނަށް ގޮވާލައިފި

20 Dec 2020 | 13:12

ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚަޝޯގްޖީގެ މަރުގެ މައްސަލައިގައި، އެމެރިކާގެ ސީއައިއޭއިން ތައްޔާރުކުރި ތަހުގީގީ ރިޕޯޓް އާންމުކުރުމަށް އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަނަށް ގޮވާލައިފިއެވެ.

2018ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި ތުރުކީގެ ވެރިރަށް އިސްތަންބޫލުގައި ހުންނަ ސައުދީގެ ކޮންސިއުލޭޓްގެ ތެރޭގައި ވަނީ ޖަމާލް ޚަޝޯގްޖީ ވަރަށް އަނިޔާވެރިކޮށް މަރާލެވިފައެވެ. އެގޮތުން އޭނާ ނޭވާ ހާސްކޮށް މަރާލައި، ފުރާނަ ނެތް ހަށިގަނޑު ބުރިބުރިކޮށް އަންދާލިކަމަށް ތަހުގީގަށް ސާބިތުވެފައިވާކަމަށް ބައިނަލްއަގްވާމީ މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި އެއަށްފަހު އެ ބައިތައް ސިއްރިއްޔާތުން ކޮންސިއުލޭޓުން ބޭރަށް ނެރެ، ސައުދީ ކޮންސިއުލޭޓް ޖެނެރަލްގެ ގޭގައިވާ ޚާއްސަ އަވަނެއްގައި އަންދާލިކަމަށް ބެލެވޭކަމަށް "އަލްޖަޒީރާ އެރެބިކް"ގެ ތަހުގީގެއްގައި ވަނީ ބުނެފައެވެ.

މި މަރާ ގުޅިގެން އެކަމުގެ އަޑީގައި އެންމެ އިސްކޮށް ހުރިކަމަށް ތުހުމަތުކުރެވޭ އިސް ފަރާތަކީ ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނެވެ. އެގޮތުން ސީއައިއޭގެ ތަހުގީގު ރިޕޯޓަކުންވެސް މިކަން ސާބިތުވާކަމަށް ބޭރުގެ ބައެއް މީޑިޔާތަކުން ބުނެފައިވެއެވެ. ސައުދީ ސަރުކާރުން ވަނީ މިކަން ދޮގުކޮށް، ޚަޝޯގްޖީ މަރާލީ "ރޯގް އޮޮޕަރޭޝަނެއް"ގެ ތެރެއިން ކަމަށް ބުނެފައެވެ. އަދި އެކަމުގައި ބައެއް ފަރާތްތަކުގެ މައްޗަށް ވަނީ ޝަރީއަތް ހިންގައި ހުކުމްވެސް ކޮށްފައެވެ. 

ނަމަވެސް މި ފަރާތްތަކަށް ޚަޝޯގްޖީގެ އާއިލާއިން ފަހުން މައާފުކުރި ކަމަށް ސައުދީގެ މީޑިޔާތަކުން ވަނީ ޚަބަރު ފަތުރާފައެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަންގެ ކެމްޕޭނުން މިއަހަރުގެ އޮކްޓޯބަރ މަހުގެ ވަނީ ޖަމާލް ޚަޝޯގްޖީގެ މަރާ ގުޅިގެން އާއިލާއަށް އިންސާފު ލިބެންވާނެކަމަށް ބުނެފައެވެ. އަދި ބައިޑަންގެ ވެރިކަމެއްގައި ސައުދީންނާއި އެކު އެމެރިކާއިން މިހާރު އޮތް ގުޅުމާއި މެދު އިތުރު ވިސްނުމަކަށް ދާނެކަމަށްވެސް ވަނީ ބުނެފައެވެ.

ދާދިފަހުން ޚަޝޯގްޖީގެ ލޯބިވެރިޔާ އަދި ތުރުކީގެ ރައްޔިތެއް ކަމަށްވާ ހަތީޒް ސެންގިޒް ވަނީ އެމަރުގެ މައްސަލައިގައި ސީއައިއޭއިން ކުރި ތަހުގީގުގެ ރިޕޯޓް ހާމަކުރުމަށް ބައިޑަންގެ ކިބައިން އެދިލައްވާފައެވެ. މި ރިޕޯޓްގެ އެހީގައި މައްސަލައިގެ ހަގީގަތް އެނގިގެން ދިއުމަށް ބޮޑު އެހީއެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގެ ތެރޭގައި އެމެރިކާއިން ވަނީ ސައުދީ އަރަބިއްޔާއާ އެކު ވަރަށް ބޮޑަށް ގުޅުންތައް ބަދަހިކޮށްފައެވެ. އެހެންކަމުން މި ގުޅުމަށް ބުރޫއަރާފާނެފަދަ ކަމެއް ބައިޑަންގެ އާ ސަރުކާރުން ކޮށްފާނެތޯ ގިނަބަޔަކު ދަނީ ސުވާލުކުރަމުންނެވެ.

Advertisement

ކޮމެންޓް