އިނގިރޭސިވިލާތުގައި ކޮވިޑްގެ އާ ސްޓްރެއިނެއް ފެތުރެނީ

22 Dec 2020 | 06:23

އިނގިރޭސިވިލާތުގައި ކޮވިޑްގެ އާ ސްޓްރެއިނެއް ފެތުރެމުންދާ ކަމަށް އެގައުމުން ހާމަކޮށްފިއެވެ.

މި އާ ސްޓްރެއިންގައިވެސް އަލާމާތްތަކަކީ ކޮވިޑްގެ އެހެނިހެން ސްޓްރެއިންތައް ފަދައިން ހުން ގަދަވެ، ކެއްސުން، ރަހައާއި ވަސްބެލުމުގެ ހިއްސަށް ބަދަލުތަކެއް އައުމެވެ. 

އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މި އާ ސްޓްރެއިނަކީ ފުރާނައަށް ކިހާ ނުރައްކާތެރި މިއުޓޭޝަނެއްތޯ އަދި މިހާތަނަށް ކަށަވަރުވެފައެއް ނުވެއެވެ. ނަމަވެސް މިއީ އިންފެކްޓްވުމުގެ ފުރުސަތު 70 އިންސައްތަ އިތުރު ސްޓްރެއިނެއްކަން ވަނީ ދެނެގަނެވިފައެވެ.

މި މިއުޓޭޝަން ވެފައިވާކަމަށް ބެލެވެނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ މެދުތެރޭގައި ލަންޑަން ނުވަތަ ކެންޓްއިން ކަމަށް އަލްޖަޒީރާއިން ވަނީ ބުނެފައެވެ. 

މި އާ ސްޓްރެއިނަކީ ވެކްސިނަށް ގުޑާ ސްޓްރެއިނެއްކަމަށް ޖަރުމަނުވިލާތުގެ ހެލްތު މިނިސްޓަރާ ހަވާލާދީ ބޭރުގެ ގައުމުތަކުން ރިޕޯޓްކޮށްފައިވެއެވެ.

ޑަބްލިޔުއެޗްއޯއިން ބުނެފައިވާ ގޮތުގައި މި އާ ސްޓްރެއިންގެ ކޭސްތައް ވަނީ އިނގިރޭސިވިލާތުގެ އިތުރުންވެސް އެހެނިހެން ބައެއް ގައުމުތަކުން ފެނިފައެވެ. މި އާ ސްޓްރެއިނާ ގުޅިގެން އިނގިރޭސިވިލާތުން ދަނީ ލަންޑަން ފަދަ ސަރަހައްދުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ.

މީގެ އިތުރުން ބައެއް ގައުމުތަކުން ވަނީ އިނގިރޭސިވިލާތުގެ ފަތުރުވެރިން އެގައުމަށް އައުން ހުއްޓުވާފައެވެ.

Advertisement

ކޮމެންޓް