ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުންތަކާ ޚިލާފްވާ ފަރާތްތަކަށް ފިޔަވަޅު އަަޅާނެ އުސޫލު އާންމުކޮށްފި

22 Dec 2020 | 06:13

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުންތަކާ ޚިލާފްވާ ފަރާތްތަކަށް ފިޔަވަޅު އަަޅާނެ އުސޫލު އާންމުކޮށްފިއެވެ.

ދިވެހި ސަރުކާރުގެ ގެޒެޓްގައި އިއްޔެ ޝާއިއުކުރި މި އުސޫލުގައި ބުނެފައިވާ ގޮތުގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުންތަކަށް އިހުތިރާމްކޮށް ބަލި ކޮންޓްރޯލް ކުރުމަށް ކުރެވެމުންދާ މަސައްކަތަށް ކޮންމެ މީހަކުވެސް އެއްބާރުލުން ދޭންވާނެއެވެ.

ނަމަވެސް މިފަދައިން އެއްބާރުލުން ނުދީ، ބަލިފެތުރުން ކޮންޓްރޯލްކުރުމަށް އަންގާ އެންގުމަކަށް ހުރަސް އަޅައިފިނަމަ ނުވަތަ އަމަލުނުކޮށްފިނަމަ އެފަރާތަކުން އެ ކުރަނީ ކުށެއްކަމަށް މި އުސޫލުގައި ވަނީ ކަނޑައަޅާފައެވެ. މިފަދައިން އަމަލުކުރާ އަމިއްލަ ފަރުދުންގެ މައްޗަށް ޖޫރިމަނާގެ ފިޔަވަޅު އެޅުމަށް ވަނީ ހިމަނާފައެވެ.

އެގޮތުން އެންގުމާ ޚިލާފްވާ ފުރަތަމަ ފަހަރު 1000 ރުފިޔާ، ދެވަނަ ފަަހަރު 3500 ރުފިޔާ އަދި ތިންވަނަ ފަހަރު 7500 ރުފިޔާއިން ޖޫރިމަނާކުރަން ވަނީ ހިމަނާފައެވެ. މީގެ އިތުރުން، އެންގުމާ ޚިލާފްވާ ހަތަރުވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 10،000 ރުފިޔާއިން ޖޫރިމަނާކުރަން ވަނީ ކަނޑައަޅާފައެވެ.

މި އުސޫލުގައި ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުންތަކާ ޚިލާފްވާ ގާނޫނީ ޝަޚްސްތަކާ ދެކޮޅަށް އެޅޭނެ ޖޫރިމަނާގެ ފިޔަވަޅުތައްވެސް ހިމަނާފައެވެ. އެގޮތުން އެންގުމާއި ޚިލާފްވާ ފުރަތަމަ ފަހަރު 5000 ރުފިޔާ، ދެވަނަ ފަހަރު 25،000 ރުފިޔާ އަދި ތިންވަނަ ފަހަރު 50،000 ރުފިޔާ، އަދި ހަތަރުވަނަ ފަހަރު 75،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ފަސްވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

މި އުސޫލުގައި ހިމެނޭ ކަންކަން ތަންފީޒުކުރާނީ ފުލުހުންނެވެ.

Advertisement

ކޮމެންޓް