އިނގިރޭސިވިލާތުން ރާއްޖެއަށް އަންނަ ދިވެހިން ގޭގައި ކަރަންޓީންކުރަނީ

26 Dec 2020 | 22:30

އިނގިރޭސިވިލާތުން ކޮވިޑް-19ގެ އައު ވޭރިއަންޓެއް ފެނިފައިވާކަމަށް ރިޕޯޓްކޮށްފައިވާތީ އެގައުމުން އަންނަ ދިވެހިން ގޭގައި ކަރަންޓީންކުރުމަށް ނިންމައިފިއެވެ.

އެޗްޕީއޭއިން އާންމުކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ޑިސެމްބަރ 27ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖެއަށް އައުމުގެ ކުރިން އިނގިރޭސިވިލާތުގައި 14 ދުވަސް އުޅެފައިވާ (12 ގަޑިއިރަށްވުރެ ގިނައިރު ޓްރާންސިޓްވެފައިވާ ފަރާތްތައް ހިމެނޭ ގޮތަށް) ރާއްޖެއަށް އަންނަ ދިވެހިންނާއި ވާރކް ވިސާގައި އަންނަ މީހުން 10 ދުވަސް ވާންދެން ގޭގައި ކަރަންޓީންވާން ޖެހޭނެއެވެ. މީގެ އިތުރުން މި ފަރާތްތައް ރާއްޖެއަށް އައުމަށްފަހު 5 އަދި 10 ދުވަހަށްފަހު ޕީސީއާރު ޓެސްޓް ހެދުމަށްވެސް ވަނީ ނިންމާފައެވެ.

މިފަރާތްތަކުންވެސް ރާއްޖެއަށް އަންނައިރު 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓް ނަތީޖާއެއް ގެންނަން ޖެހޭނެއެވެ.

އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މިއީ އިންފެކްޓްވުމުގެ ފުރުސަތު 70 އިންސައްތަ އިތުރު ސްޓްރެއިނެއްކަން ވަނީ ދެނެގަނެވިފައެވެ. މި މިއުޓޭޝަން ވެފައިވާކަމަށް ބެލެވެނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ މެދުތެރޭގައި ލަންޑަން ނުވަތަ ކެންޓްއިން ކަމަށް އަލްޖަޒީރާއިން ވަނީ ބުނެފައެވެ.

މި އާ ސްޓްރެއިނަކީ ވެކްސިނަށް ގުޑާ ސްޓްރެއިނެއްކަމަށް ޖަރުމަނުވިލާތުގެ ހެލްތު މިނިސްޓަރާ ހަވާލާދީ ބޭރުގެ ގައުމުތަކުން ރިޕޯޓްކޮށްފައިވެއެވެ.

ޑަބްލިޔުއެޗްއޯއިން ބުނެފައިވާ ގޮތުގައި މި އާ ސްޓްރެއިންގެ ކޭސްތައް ވަނީ އިނގިރޭސިވިލާތުގެ އިތުރުންވެސް އެހެނިހެން ބައެއް ގައުމުތަކުން ފެނިފައެވެ.

Advertisement

ކޮމެންޓް