ތ.އަތޮޅާ ލ.އަތޮޅާއި ދެމެދު ލޯންޗް ފެރީގެ ޚިދުމަތް އިފްތިތާހުކޮށްފި

29 Dec 2020 | 10:46

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ތ.އަތޮޅާ ލ.އަތޮޅާއި ދެމެދު ލޯންޗް ފެރީގެ ޚިދުމަތް އިފްތިތާހުކޮށްފިއެވެ.

އެގޮތުން އެ ފެރީގެ ފުރަތަމަ ދަތުރު 29 ޑިސެމްބަރ 2020 ގައި ފެށުމަށް މިހާރުވަނީ ތައްޔާރުވެފައެވެ.

ތ. އަދި ލ. އަތޮޅާއި ދެމެދެ ފަށާ ލޯންޗް ފެރީގެ ޙިދުމަތް ދޭ ރޫޓްގައި ހިމެނޭ ރަށްތަކަކީ ތ. ވޭމަންޑޫ، ތ. ތިމަރަފުށި އަދި ލ. ގަމެވެ. އެގޮތުން މި ޚިދުމަތުގައި ތ. ވޭމަންޑޫއިން ތ. ތިމަރަފުއްޓަށް އެއްކޮޅު ޓިކެޓުގެ އަގަކީ 75.00 ރުފިޔާ/ ދެކޮޅު ޓިކެޓުގެ އަގަކީ 150.00 ރުފިޔާއެވެ. އަދި ތ.ވޭމަންޑޫ އަދި ތ. ތިމަރަފުށިން ލ. ގަމަށް އެއްކޮޅު ޓިކެޓުގެ އަގަކީ 250.00 ރުފިޔާ/ ދެކޮޅު ޓިކެޓުގެ އަގަކީ 400.00 ރުފިޔާއެވެ.

ތ އަދި ލ އަތޮޅާއި ދެމެދު މި ޚިދުމަތް ހަފުތާއަކު 4 ދުވަހު (ހޮނިހިރު، އާދީއްތަ، އަންގާރަ، ބުރާސްފަތި) ފޯރުކޮށްދެވޭނެއެވެ.

މި ޚިދުމަތް ފެއްޓުމުގައި އެކުންފުންޏާއި އެކު ވަރަށް ގާތުން މަސައްކަތްކޮށްދެއްވި ކަމަށްޓަކައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޒް ފައްޔާޒް އިސްމާއިލް، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ، ލ.ގަމު ދާއިރާގެ މަޖިލީހުގެ މެމްބަރު މުހައްމަދު ވިސާމް އަދި ލ. ފޮނަދޫ ދާއިރާގެ މަޖިލީހުގެ މެމްބަރު މޫސާ ސިރާޖަށް އެމްޓީސީސީން ވަނީ ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

Advertisement

ކޮމެންޓް