2020: އިންޑިއާގެ އެހީ ފެނިގެންދިޔަ އަހަރެއް!

01 Jan 2021 | 16:41

2018ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 17ވަނަ ދުވަހު ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު އަމާޒަކަށްވެފައިވަނީ މިނިވަން ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ބާއްވައި، އެހެނިހެން ގައުމުތަކާ އެކު ގުޅުން ބަދަހިކޮށް ބައިނަލްއަގްވާމީ މަޝްރަހުގައި ބަސްވިކޭ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތުމެވެ. މިކަން ކުރުމުގައި ދިވެހި ޚާރިޖިއްޔާގެ ކުޅަދާނަ ޓީމްގެ އިސް މާލިމީގެ ގޮތުގައި ހުންނެވީ މިނިސްޓަރ އަބްދުﷲ ޝާހިދެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހަށް ކިތަންމެ ގިނަ ބަދަލުތަކެއް އައިސްފައިވާ ނަމަވެސް، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތެއްގެ ގޮތުގައި ޖުމްލަ ގޮތެއްގައި ފެނިފައި އޮތީ އަވައްޓެރި ގައުމުތަކަށް އިސްކަންދީ އެފަރާތްތަކާ އެކު ގުޅުންތައް ބަދަހިކުރުމެވެ. އެހެނަސް ބައެއް ރައީސުން މިގޮތާއި ތަންކޮޅެއް ޚިލާފަށް އަމަލުކުރެއްވިކަންވެސް ފާހަގަކޮށްލަމެވެ.

އާންމުގޮތެއްގައި ދެކުނު އޭޝިޔާ ސަރަހައްދުން ދިވެހިން އެންމެ އިސްކަންދޭ ގައުމަކީ އިންޑިއާއެވެ. އާބާދީ އަދި އިގްތިސާދީގޮތުން މި ސަަރަހައްދުގައި އެންމެ ބޮޑު ގައުމުކަމަށްވާ އިންޑިއާއާ ގާތް ގުޅުމެއް ދިވެހިރާއްޖެއިން ބާއްވަމުން އަންނަތާ އެތަކެއް އަހަރެއް ވެއްޖެއެވެ. މިގުޅުން މި ސަރުކާރުގައި އިތުރަށް ފޯދި ބަދަހިވެފައިވާއިރު، މިއަހަރަކީ އެކަމުގެ ލާމަސީލު އަހަރެކެވެ.

ނިމިގެން މިދާ 2020ވަނަ އަހަރަކީ ދިވެހިރާއްޖެއާ މުޅި ދުނިޔެއަށްވެސް ތަދު އަހަރެކެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާއި އޭގެން ކުރިމަތިވި އިގްތިސާދީ އަސަރުތަކުން ދުނިޔޭގެ ގިނަ ގައުމުތައް ވަނީ ހަފުސްވެފައެވެ. ދިވެހިރާއްޖޭގެ ހާލަތަކީވެސް އެއީއެވެ. ފަތުރުވެރިކަމުގެ ދާއިރާއަށް އައި ލޮޅުމާއެކު، އިގްތިސާދީ ކުރިއެރުން ދަށްވެ ތަރައްގީގެ މަޝްރޫއުތަކަށް ހުރަސްއެޅިގެންދާނެކަމުގެ ބިރުވެރިކަން ވަރަށް ބޮޑަށް އޮތެވެ. އެހެން ނަމަވެސް އިންޑިއާ ފަދަ ގައުމުތަކާ އަދި ބައިނަލްއަގްވާމީ ޖަމާއަތްތަކުގެ އެހީގައި ދިވެހި އިގްތިސާދު ކޮންމެވެސް މިންވަރަކަށް ހިފަހައްޓާލެވުނެވެ.

2020ވަނަ އަހަރަކީ އެކި ދާއިރާތަކުން ދިވެހިރާއްޖޭގެ އެންމެ ގާތް މިތުރުގެ ގޮތުގައި އިންޑިއާ ފެނިގެންދިޔަ އަހަރެވެ. އެހެންކަމުން މިއަހަރުގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީތަކަށް ބަލާލުމަކީ މުހިންމު ކަމެކެވެ.

މިއަހަރުގެ ތެރޭގައި އިންޑިއާއިން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވަނީ ދިވެހިރާއްޖޭގެ ލާމަރުކަޒީ އުމްރާނީ ތަރައްގީއަށެވެ. އެގޮތުން އިންޑިއާ ސަރުކާރުގެ އެހީގައި ގިނަ ރަށްރަށުގައި މަޝްރޫއުތަކެއް ވަނީ ހިންގިފައެވެ. މިގޮތުން ފާހަގަކޮށްލެވޭ ބައެއް މަޝްރޫއުތަކަކީ:

1. ކ.ގާފަރު އަދި ރ.މަޑުއްވަރީގައި ގާއިމްކުރި އައިސް ޕްލާންޓް- 8 މިލިޔަން ރުފިޔާ

2. ބ.ފެހެންދޫ ދަރިވަރުންގެ ފެރީ- 2.5 މިލިޔަން ރުފިޔާ

3. ދ.ވާނީ ޕޮލިސް ޓްރެއިނިންގ ސެންޓަރ އަޕްގްރޭޑްކުރުން-  8 މިލިޔަން ރުފިޔާ

4. 61 ރަށުގެ އައުޓްޑޯ ޖިމް- 8 މިލިޔަން ރުފިޔާ

5. 61 ރަށުގެ ކުޑަކުދިންގެ ޕާކް- 6.7 މިލިޔަން ރުފިޔާ

6. ފަރެސްމާތޮޑާ ވެޓްލޭންޑް ޕާކް- 589،290.72 ރުފިޔާ

7. އެކުވެނި ސިންތެޓިކް ޓްރެކް- 8 މިލިޔަން ރުފިޔާ

8. ހުޅުމާލޭގައި ފިޔަވަތި މަރާމާތު ކުރުން- 2 މިލިޔަން ރުފިޔާ


މީގެ އިތުރުންވެސް އިންޑިއާގެ ފަރާތުން މާލެ-ވިލިމާލެ-ތިލަފުށި އަދި ގުޅީފަޅު ގުޅުވާލަދޭ ބްރިޖްގެ މަޝްރޫއުއަށް ދިން 500 މިލިޔަން ޑޮލަރުގެ އެހީގެ ޕެކޭޖް ފާހަގަކޮށްލެވެއެވެ. އަދި، އިގްތިސާދު އަޑިއަޅާލާފައި ވަނިކޮށް، ބަޖެޓް ސަޕޯޓްގެ ގޮތުގައި ދިން ފައިސާތައްވެސް ފާހަގަކޮށްލެވެއެވެ. އަދި ޖީ20 ޑެޓް ސާރވިސް ސަސްޕެންޝަން އިނީޝިއޭޓިވްގެ ދަށުން ދަރަނިތައް އަނބުރާ ދެއްކުން ފަސްކޮށްދިނުން ހިމެނެއެވެ. އިންޑިއާ އަދި ދިވެހިރާއްޖެއާ ދެމެދު ގާއިމްކުރެވިފައިވާ ޓްރެވަލް ބަބްލްގެ ނަތީޖާއެއްގެ ގޮތުން އެގައުމުން ގިނަ އަދަދެއްގެ ފަތުރުވެރިން  ދަނީ މި ދުވަސްވަރު ރާއްޖެއަށް އަންނަމުންނެވެ.

2020ވަނަ އަހަރު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާ އިންޑިއާއަކީ ވަރަށް ގާތް މިތުރުންނަށް ވި އަހަރަކަށެވެ. މިކަމުގެ ސަބަބުން ދިވެހިންނަށް މިވަނީ އެތަކެއް މަންފާތަކެއް ލިބިފައެވެ. އުންމީދަކީ ހަމަ މިފަދައިން އަންނަ އަހަރުވެސް ދެގައުމުގެ ދެމެދުގައި އޮތް މި ގުޅުން އިތުރަށް ބަދަހިވެ އާލާވެގެން ދިއުމެވެ. ދިވެހި ޚާރިޖިއްޔާ އަދި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ތިބީ އެކަން ކުރުމުގެ ފުރިހަމަ އަޒުމުގައިކަން ކަށަވަރެވެ.

Advertisement

ކޮމެންޓް