ކޮންގްރެސްގެ ނިންމުމާއި އެކު، ޓްރަމްޕް އެންމެފަހުން ގޮތްދޫކުރައްވައިފި

07 Jan 2021 | 16:37

އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވީ ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓުކަމަށްވާ ޖޯ ބައިޑެން ކަމަށް އެގައުމުގެ ކޮންގްރެސްއިން ކަނޑައަޅައިފިއެވެ.

އެގޮތުން ދެންމެ ނިމިގެންދިޔަ ކޮންގްރެސްގެ ސެޝަންގައި ވަނީ އިލެކްޓޯރަލް ކޮލެޖްގެ 538 މެންބަރުން ހިމެނޭ އިލެކްޓޯރަލް ކޮލެޖްގެ ވޯޓްތައް ސެޓިފައިކޮށްފައެވެ. އޭގެ ތެރެއިން 306 މެންބަރުންގެ ވޯޓު ހޯއްދަވައި، އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވިކަން ކަށަވަރުކުރައްވާފައެވެ. މިއާއި އެކު މިމަހުގެ 20ވަނަ ދުވަހުގައި އާ ރައީސް ބައިޑެން އަދި އަދި އާ ނައިބު ރައީސް ކަމަލާ ހެރިސްގެ ދައުރު ފެށޭނެކަން ކޮންގްރެސްގެ ރިޔާސަތު އަދި އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް ވަނީ އިއުލާންކުރައްވާފައެވެ.

މިކަން އިއުލާންވެގެންދިއުމާއި އެކު، ރައީސް ޓްރަމްޕް ވަނީ އެންމެފަހުން ގޮތް ދޫކުރައްވައި ބަޔާނެއް ނެރުއްވާފައެވެ.

ރައީސް ޓްރަމްޕް ވިދާޅުވީ އިންތިޚާބު ނިމިގެންދިޔަ ގޮތާއި މުޅިން ދެކޮޅު ހެއްދެވި ނަމަވެސް، ޖެނުއަރީ 20ވަނަ ދުވަހު ބާރުތައް ރަނގަޅަށް ބަދަލުވެގެންދާނެކަމަށެވެ. އަދި މިއާއި އެކު އެމެރިކާގެ ތާރީޚް ދުށް އެންމެ ރަނގަޅު ފުރަތަމަ ރިޔާސީ ދައުރު ނިމިގެންދިޔަ ނަމަވެސް، މިއީ އެމެރިކާ އަލުން ރަނގަޅުކުރުމުގެ ފެށުންކަމަށް އެބޭފުޅާ ވަނީ ސިފަކުރައްވާފައެވެ.

އިއްޔެގެ ވަގުތެއްގައި ޓްރަމްޕްގެ ސަޕޯޓަރުން އެމެރިކާގެ ކޮންގްރެސް އަދި ސެނެޓް ހިންގާ ކެޕިޓޮލް ބިލްޑިންގއަށް ގަދަކަމުން ވަދެގަނެ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާފައެވެ. ގިނަ ފަރާތްތަކުން ބުނަމުންދާ ގޮތުގައި މިފަރާތްތަކުން މިފަދަ އަމަލެއް ހިންގުމަށް ހިތްވަރު ލިބިފައިވަނީ ރިޔާސީ އިންތިޚާބު އޮަޅުވާލާފައިވާކަމަށް ރައީސް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދިއުމާއި ގުޅިގެންނެވެ.

ކެޕިޓޮލްގައި ހިންގި ހަމަނުޖެހުންތައް ޓްރަމްޕް ސީދާގޮތެއްގައި ކުށްވެެރި ކުރައްވާފައެއް ނުވެއެވެ. ނަމަވެސް އެބޭފުޅާގެ ނައިބު ރައީސް މައިކް ޕެންސް ވަނީ އެ ހަމަނުޖެހުންތައް ކުށްވެރިކުރައްވާ، އެތަނުގައި ތިބި ފަރާތްތައް އެތަން ދޫކޮށް ދާންޖެހޭކަމަށް ވިދާޅުވެފައެވެ. މި ހަމަނުޖެހުންތަކުގައި ވަނީ ހަތަރު މީހަކު މަރުވެފައެވެ. އަދި މިތަނުން 54 މީހަކު ވަނީ ހައްޔަރުކުރެވިފައެވެ.

އިންތިޚާބުގެ ނަތީޖާ ދޮގުކުރުމުގެ ކަންތައްތައް މިހާ ހިސާބަށް ގޮސްފައިވާއިރު، ބައެއް ފަރާތްތަކުން ދަނީ އެމެރިކާގެ ގާނޫނު އަސާސީގެ 25ވަނަ އިސްލާހުގެ ބޭނުންކޮށްގެން އެގައުމުގެ ރައީސްކަމުން ޑޮނަލްޑް ޓްރަމްޕް ދުރުކުރުމަށް ގޮވާލަމުންނެވެ.

Advertisement

ކޮމެންޓް