އިންޑޮނީޝިޔާގެ ޖަކާޓާއިން ފުރި މަތިންދާބޯޓަކާ ކުއްލިއަކަށް ގުޅުން ކެނޑިއްޖެ

09 Jan 2021 | 17:18

އިންޑޮނީޝިޔާގެ ވެރިރަށް ޖަކާޓާއިން ފުރައިގެން އެގައުމުގެ ޕޮންޓިއަންއަށް ދަތުރުކުރަމުންދިޔަ ސްރީވިޖަޔާ އެއަރގެ މަތިންދާބޯޓަކާ ގުޅުން ކެނޑި، ކުއްލިގޮތަކަށް ގެއްލިއްޖެއެވެ.

ބައިނަލްއަގްވާމީ ޚަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓްކުރާ ގޮތުގައި ސްރީވިޖަޔާ އެއަރގެ ފްލައިޓް އެސްޖޭ182، ޖަކާޓާއިން ފުރައިގެން ހަތަރު ވަރަކަށް މިނެޓްވީ ފަހުން ވަނީ އެއަރ ޓްރެފިކް ކޮންޓްރޯލްއާ ގުޅުން ކެނޑިފައެވެ. މި ފްލައިޓާއި ގުޅުން ކެނޑުމުގެ ކުރިން މިނެޓެއްގެ ތެރޭގައި 10،000 ފޫޓަށް ތިރިއަށްދިޔަކަމަށް ފްލައިޓްތަކުގެ މައުލޫމާތުތައް ބަލާ ވެބްސައިޓެއްކަމަށްވާ "ފްލައިޓް ރާޑަރ24" އިން ވަނީ ބުނެފައެވެ.

މި ފްލައިޓާ ގުޅުން ކެނޑުނުއިރު އޮތީ ޖަކާޓާގެ އުތުރު އައްސޭރިފަށުގެ ކަނޑުގެ ސަރަހައްދުގެ މަތީގައިކަން ފާހަގަކޮށްލެވެއެވެ.

ބޯއިންގގެ 737-500 މަރުކާގެ މި ބޯޓްގައި 59 މީހަކު ދަތުރުކުރަމުންދިޔަކަމަށް އިންޑޮނީޝިޔާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މީގެ ތެރޭގައި ހަ ކުޑަކުއްޖަކުވެސް ހިމެނެއެވެ.

Advertisement

ކޮމެންޓް