އެޕިކް ޝެލްޓަރ: ދިރިއުޅޭ ތަންތަން ބަދަލުކޮށްލަދޭނެ ރިއަލިޓީ ޝޯވއެއް!

17 Jan 2021 | 12:45

ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖޭގެ އެތައް ބަޔަކަށް ދިމާވެފައިވާ މައްސަލައެކެވެ. ދިރިއުޅެމުންދާ ގެ ނުވަތަ އެޕާޓްމެންޓްގެ ޖާގައިގެ ދަތިކަމަކީ އަބަދުވެސް ގިނަބަޔަކު ކުރާ ޝަކުވާއެކެވެ. ވަކިން ޚާއްސަކޮށް މިއީ މާލޭގައި ދިރިއުޅޭ އެތައް ބަޔެއްގެ ތަހައްމަލްކުރަމުންދާ ކަމެކެވެ.

އެފަދަ ފަރާތްތަކުން އަބަދުވެސް އެއަށްވުރެ ފަސޭހަ ދިރިއުޅުމަކަށް އެދެއެވެ. ލިބިފައިވާ ޖާގަވެސް އެންމެ ހެޔޮ ގޮތުގައި ބޭނުންކުރުމަށް ބޭނުންވެއެވެ. ނަމަވެސް މިކަމަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ މާލީގޮތުން ފުދުންތެރިނުވުމެވެ. ދިރިއުޅޭ ތަނަށް ބޮޑެތި ބަދަލުތަކެއް ގެނެސް މަރާމާތުކުރުމަކީ ކޮންމެ ފަރުދަކަށް ކުރަން ފަސޭހަކަމެއް ނޫނެވެ. އެހެނަސް، އެކަން ބޭނުންވާ އެތައް ފަރާތަކަށް އުފާވެރި ޚަބަރެއް އެބައޮތެވެ. ދިރިއުޅެމުންދާ ތަނަށް ފަސޭހައިން ބަދަލުތަކެއް ގެނައުމުގެ އުންމީދު ފުރިހަމަކޮށްދޭނެ ރިއަލިޓީ ޝޯވއެއް ވަރަށް އަވަހަށް ދިވެހިރާއްޖޭގައި ފެށުމަށް ވަނީ ނިންމާފައެވެ.

ލަކްސް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ކުންފުނިން އިސްނަގައިގެން "އެޕިކް ޝެލްޓަރ"ގެ އަމާޒަކީ ފުދުންތެެރިކަން ނެތް ފަރާތްތަކުގެ ގެ އަދި އެޕާޓްމެންޓް ފަދަ ތަންތަން މަރާމާތުކޮށް އާބާތުރަ ފިލުވައިދީ އާރާސްތުކުރުމެވެ.

ލަކްސް ކުންފުނިން މައުލޫމާތުދޭ ގޮތުގައި މި ޝޯވ ގެނެސްދިނުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތުގައި ބައިވެރިވާ ގިނަ ކުންފުނިތަކަކާވެސް ގުޅިގެންނެވެ. ދެ ހަފްތާގެ މަސައްކަތްތައް މި ޝޯވއިން ފެނިގެންދާއިރު، ފުރަތަމަ އެޕިސޯޑްގައި އޮންނާނީ ޝޯވއަށް ބައިވެރިން އައްޔަންކުރުމެވެ. ބައިވެރިން ހޮވުމަށް ހަމަޖެހިފައިވަނީ އާންމުންގެ ވޯޓުންނެވެ.

މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ޝަރުތެއް ނުވަތަ ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތަކަށެވެ:

- އެކަނިވެރި މައެއް

- އަލަތު ކައިވެނިކޮށްފައިވާ މީހެއް (ކައިވެންޏަށް އަހަރެއް ވެފައިނުވުން)

- އުމުރުން ދުވަސްވީ ދެމަފިރިން (55-70 އަހަރުގެ މީހުން)

- ކައިވެނިކޮށްގެން އެންމެ ދަރިއަކު ތިބޭ މީހުން، މިއެވެ.

މި ޕްރޮގްރާމްގައި ބައިވެރިކުރާ ގެއަކީ އެއް ކޮޓަރީގެ އެޕާޓްމެންޓަކަށް ވާންޖެހެއެވެ. އެތަނަކީ ކުއްޔަށް ނަގާފައިވާ ތަނެއްނަމަ އެތަނަށް ބަދަލެއް ގެނައުމަށް ވެރިފަރާތުން އިއުތިރާޒްނުވާކަމުގެ ލިޔުމެއް ހުށައަޅަން ޖެހޭނެއެވެ. އަދި އެތަނަކީ ހަލާކުވެ ވީރާނާވެފައިވާ ތަނަކަށްނުވެ، ދިރިއުޅުމުގެ ހާލަތު ވީޑިޔޯ ކުރުމަށް އުޒުރުވެރިވެގެން ނުވާނެއެވެ.

މީގެ އިތުރުން، އެތަނުގެ މަރާމާތް ހިނގާ ދެހަފްތާއަށް ތަންދޫކޮށް ދާން އުޒުރުވެރިވެގެންވެސް ނުވާނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ޝޯވގެ ތެރެއިން ބައިވެރިންނަށް ގިނަ ކަންތައްތަކެއް ކޮށްދޭން ވަނީ ނިންމާފައެވެ. އެގޮތުން އިންޓީރިއަރ ޑިޒައިނިންގ، ތަޅުންގަނޑު މަރާމާތުކޮށްދިނުން، ކުލަ އަދި ކޯޓިންގ ލައިދިނުން، ބަދިގެ ސެޓް ޖަހައިދިނުން، ފާޚަނާ މަރާމާތްކޮށްދިނުން އަދި ފަރުނީޗަރު ބަދަލުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުންވެސް ހޮވޭ ޑިޒައިނަކާ ގުޅޭގޮތުން ކުރަންޖެހޭ އިތުރު ކަންތައްތައްވެސް ކޮށްދޭނެއެވެ.

ލަކްސް ކުންފުނިން މައުލޫމާތުދޭ ގޮތުގައި މި ޝޯވ ދެއްކުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ތެރޭގައި ޕީއެސްއެމްއިންނެވެ. އެޕިކް ޝެލްޓަރގައި ބައިވެރިވުމަށް ކުރިމަތިލުމުގެ އެންމެ ފަހުގެ މުއްދަތަކީ މިމަހުގެ 23ވަނަ ދުވަހެވެ. ޝޯވްގައި ބައިވެރިވާން އެދޭ ފަރާތްތަކާއި އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މި ޖުމްލައަށް ފިއްތާލައްވާށެވެ. 

މީގެ އިތުރުން 23 ޖަނުއަރީ 2021ގެ ނިޔަލަށް 10 މީހަކަށް ފިނޮޅަކަށް ދަތުރު ދިޔުމުގެ ފުރުސަތު ވަނީ ލަކްސް އިންވެސްޓްމެންޓްއިން ހުޅުވާލެވިފައެވެ. އެގޮތުން ލަކްސް އިންވެސްޓްމެންޓްގެ ހަތަރުވިޔަފާރި ފޮލޯކޮށް ދަތުރު ދާ 10 މީހުން ޓެގްކުރަން ވާނެއެވެ. އެ އެންމެންވެސް މި 4 ވިޔަފާރިގެ އެކައުންޓްތައް ފޮލޯކުރިތޯ ޔަޤީން އިންޓަގްރާމް ސްޓޯރީއާށް ލުމުން މި ގިވްއަވޭގައި ބައިވެރިވެވުނީއެވެ.

2019ވަނަ އަހަރު އުފެއްދި ސްޓާޓްއަޕެއްކަމަށްވާ ލަކްސް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ އަމާޒަކީ އާންމުންގެ ދިރިއުޅުމަށް ބޭނުންވާ ތަފާތު ކަންތައްތައް ހެޔޮއަގެއްގައި އާންމުންނަށް ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. އެގޮތުން މިހާރުވެސް އެކުންފުނިން ދަނީ ގެދޮރުވެރިކަން، ދަތުރުފަތުރު އަދި ވެޑިންގ ޕްލޭނިންގ ދާއިރާގައި ހަރަކާތްތެެރިވަމުންނެވެ.

Advertisement

ކޮމެންޓް