ދައުރުން ބާއްވާ ދެވަނަ ޖަލްސާ މިއަދު 11 ޖަހާއިރު

17 Jan 2021 | 11:16

ލޯކަލް ކައުންސިލް އިންތިޚާބް ބޭއްވުމަށްޓަކައި ޤާނޫނަށް އިސްލާހް ގެނައުމަށް ބަހުސްކުރާ ޖަލްސާ މިއަދު އޮންނާނެއެވެ.

މިއަދު ބޭއްވުމަށް ނިންމާފައިވާ ޖަލްސާ އެޖެންޑާ ކޮށްފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބުތަކުގެ ޤާނޫނު 2020 އަށް އިސްލާޙު ކުރުމެވެ. މިއިސްލާޙް ހުށަހަޅުއްވާފައިވަނީ ހުޅުމާލެ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒެވެ.

މިއަދު ހެނދުނު 11 ޖަހާއިރު ފަށާ ޖަލްސާ ފަށާއިރު، މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ކުރިން ވިދާޅުވެފައިވާގޮތުގައި، މިއަދުގެ ބަހުސްއަށް، ބަހުސްކުރުމަށް އެދިވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށްވެސް ފުރުސަތު ދެއްވާނެ އެވެ.

އެގޮތުން ކައުންސިލް އިންތިޚާބް ބޭއްވުމަށް ޤާނޫނަށް ގެންނަ އިސްލާޙްގެ ތެރޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ދެމިއޮތް ނަމަވެސް އިންތިޚާބް ބޭއްވުމަށް ޖާގަދިނުމާއި، ލާމަރުކަޒީ ޤާނޫނުގައި އިންތިޚާބް ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚުތަކަށްކޮންމެހެން ޢަމަލުކުރަންޖެހޭގޮތަށް ޢަމަލުކުރުމާއި، އިންތިޚާބު ބާއްވާނެ ތާރީޚް ކަނޑައަޅައި އިންތިޚާބް ބޭއްވުމުގެ އިޚްތިޔާރު އީސީ އަށް ދިނުން ހިމެނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ކައުންސިލް އިންތިހާބާއި ބެހޭ ޚާއްސަ ޤާނޫނަށް ގެންނަން ޖެހޭ އިސްލާހުގެ ޑްރާފްޓު އެކުލަވާލައި މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިމަސް ނިމުމުގެ ކުރިން ގާނޫނަށް އިސްލާހު ގެނެސްދީފި ނަމަ މިއަހަރުގެ ރޯދަ މަހުގެ ކުރިން ކައުންސިލް އިންތިހާބު ބޭއްވޭނެ ކަމަށެވެ.

Advertisement

ކޮމެންޓް