އިންޑިއާއިން ހަދިޔާކޮށްފައިވާ ކޮވިޝީލްޑް ވެކްސިން ޖަހަން ބޭނުން: ރައީސް ނަޝީދު

30 Jan 2021 | 18:40

އިންޑިއާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ހަދިޔާކޮށްފައިވާ ކޮވިޑް ވެކްސިން ވީހާވެސް އަވަހަށް ޖައްސަވަން ބޭނުންފުޅުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ މިހާރު ލިބިފައިވާ ކޮވިޑް އެސްޓްރަޒެނެކާ ވެކްސިން ޖެއްސެވުމަށް ވަރަށް ބޭނުންފުޅުވާ ކަމަށެވެ. އަދި އެދިވަޑައިގަންނަވަނީ ވީހާވެސް އަވަހަކަށް އެމަނިކުފާނަށް ވެކްސިން ލިބި، އެމަނިކުފާނުގެ ފަރާތުން އެއްވެސް މީހަކަށް ބަލި ނުޖެހި، އެމަނިކުފާނުވެސް ރައްކާތެރިވުން ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ބައެއް ފަރާތްތަކުން ދަނީ އިންޑިއާއިން ހަދިޔާކުރި ވެކްސިންތައް ޖަހާނީ އާންމުންގެ ކުރިމަތީގައި ސަރުކާރުގެ އިސްވެރިން އެ ޖެހުމުންކަމަށް ބުނެފައެވެ. އެގައުމުން ރާއްޖެއަށް ހަދިޔާކުރީ 100،000 ވެކްސިން ޑޯޒެވެ. އެއީ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ތައްޔާރުކުރި ކޮވިޝީލްޑް ވެކްސިންގެއެވެ.

ކޮވިޝީލްޑަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ވެކްސިން އުފައްދާ ކުންފުނިކަމަށްވާ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއާއި ހަވާލުކޮށްގެން އޮކްސްފޯޑް-އެސްޓްރަޒެނެކާއިން އުފައްދާ ހަމަ އެފަރާތްތަކުގެ ކޮވިޑް ވެކްސިނެކެވެ. އެސްޓްރަޒެނެކާއިން ވަނީ ކުދި އަދި މެދުފަންތީގެ ގައުމުތަކަށް އަމާޒުކޮށްގެން އެއް ބިލިޔަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭން ސީރަމް އިންސްޓިޓިއުޓާއި އެކު ލައިސަންސިންގ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ކޮވިޝީލްޑް ވެކްސިންގައި ހިމެނެނީ 0.5 މިލިލީޓަރުގެ ދެ ޑޯޒެވެ. މީގެ ދެވަނަ ޑޯޒް ޖަހަންޖެހޭނީ ފުރަތަމަ ޑޯޒް ޖެހިތާ 4 އަދި 6 ހަފްތާއާ ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ.

މި ވެކްސިނަކީ އާންމުގޮތެއްގައިވެސް ވެކްސިންތައް ރައްކާކުރާ އުސޫލުން ރައްކާކޮށް، ގިނަ ވެގެން ހަ މަސް ވަންދެން ބެހެއްޓޭނެފަދަ ވެކްސިނެކެވެ.

Advertisement

ކޮމެންޓް