ކޮވިޑް ވެކްސިން ޖެހި ފަރާތްތަކުން އެދެނީ އެހެން މީހުންވެސް ވެކްސިން ޖެހުމަށް!

02 Feb 2021 | 11:22

ދިވެހިރާއްޖޭގައި ކޮވިޑް-19 ބައްޔާއި ދެކޮޅަށް ވެކްސިން ދިނުމުގެ ހަރަކާތް މިއަދު މިވަނީ ފަށާފައެވެ. އިންޑިއާގެ ފަރާތުން ހަދިޔާކުރި އެގައުމުގެ ސީރަމް އިންސްޓިޓިއުޓްގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ.

ކޮވިޝީލްޑަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ވެކްސިން އުފައްދާ ކުންފުނިކަމަށްވާ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއާއި ހަވާލުކޮށްގެން އޮކްސްފޯޑް-އެސްޓްރަޒެނެކާއިން އުފައްދާ ހަމަ އެފަރާތްތަކުގެ ކޮވިޑް ވެކްސިނެކެވެ. އެސްޓްރަޒެނެކާއިން ވަނީ ކުދި އަދި މެދުފަންތީގެ ގައުމުތަކަށް އަމާޒުކޮށްގެން އެއް ބިލިޔަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭން ސީރަމް އިންސްޓިޓިއުޓާއި އެކު ލައިސަންސިންގ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ކޮވިޝީލްޑް ވެކްސިންގައި ހިމެނެނީ 0.5 މިލިލީޓަރުގެ ދެ ޑޯޒެވެ. މީގެ ދެވަނަ ޑޯޒް ޖަހަންޖެހޭނީ ފުރަތަމަ ޑޯޒް ޖެހިތާ 4 އަދި 6 ހަފްތާއާ ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ. މި ވެކްސިނަކީ އާންމުގޮތެއްގައިވެސް ވެކްސިންތައް ރައްކާކުރާ އުސޫލުން ރައްކާކޮށް، ގިނަ ވެގެން ހަ މަސް ވަންދެން ބެހެއްޓޭނެފަދަ ވެކްސިނެކެވެ.

މި ވެކްސިނާ މެދު ދިވެހިރާއްޖޭގައި ތަފާތު ގޮތްގޮތަށް ދަނީ ވާހަކަތައް ދެކެވެމުންނެވެ. އެހެންކަމުން "ވޮއިސް"އިން ގަސްދުކުރީ މިއަދު ވެކްސިންގެ ފުރަތަމަ ޑޯޒް ލިބުނު ފަރާތަކާއި ވާހަކަ ދައްކާލައި، އެކަމުގެ ތަޖުރިބާ ގެނެސްދިނުމަށެވެ. އެއީ އައްޑޫ ސިޓީގައި ފްރަންޓްލައިން ވޯކަރެއްގެ ގޮތުގައި ވޮލަންޓިޔަރ އުސޫލުން ހަރަކާތްތެރިވަމުންދާ މުހައްމަދު ޞަފްވާނެވެ.

"ވޮއިސް"އާ ވާހަކަދައްކަމުން ޞަފްވާން ބުނީ މިދިޔަ އަހަރުގެ މާޗްމަހުން ފެށިގެން އޭނާ އައްޑޫ ސިޓީގައި ހަރަކާތްތެރިވަމުންދަނީ ސާމްޕަލް ނެގުމުގައި، ފްރަންޓްލައިން ވޯކަރެއްގެ ހައިސިއްޔަތުންކަމަށެވެ. އައްޑޫ ސިޓީން ކޮވިޑް ވެކްސިން ފުރަތަމަ ލިބޭ ފަރާތްތަކުގެ ތެރޭގައި ޞަފްވާން ހިމެނޭނެކަން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އެންގުމުގެ ކުރިން ވެކްސިން ޖަހަން ފަށާނެ ތާރީޚް އޭނާއަށްވެސް އެނގިފައެއް ނުވެއެވެ. ނަމަވެސް ޞަފްވާން ކުރިންވެސް ހުރީ ވެކްސިން ޖެހުމުގެ ފުރުސަތެއް ލިބޭނެކަމުގެ އުންމީދުގައެވެ. އެ ފުރުސަތު ލިބުމުން އެއްވެސް ބިރެއް ނެތި އެކަމަށް އާނއެކޭ ބުނީ ވެކްސިނަށް އިތުބާރުކުރެވޭތީކަމަށް އޭނާ ބުންޏެވެ.

މިއަދު ހެނދުނު ޞަފްވާނަށް ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ލިބިފައިވާއިރު، އޭގެ އެއްވެސް ސައިޑް އިފެކްޓެއް މިހާތަނަށް އިހުސާސްނުވާކަމަށް އޭނާ ބުންޏެވެ. އެގޮތުން އަތްދުޅަވުން ފަދަ ކަމެއް ނުވާކަމަށާއި، އެއީ ހީކުރާ ވަރަށްވުރެ މާ ފަސޭހަކަމެއްގެ ގޮތުގައި ޞަފްވާން ސިފަކުރިއެވެ.

ޞަފްވާން އިތުރަށް ކިޔައިދިން ގޮތުގައި ވެކްސިން ޖެހުމުގެ އިންތިޒާމްތައް ހުރީ ވަރަށް ފުރިހަމަކޮށެވެ. އެގޮތުން ވެކްސިން ޖެހުމުގެ ހުރިން ގިނަ މައުލޫމާތުތަކެއް ފުރަން ޖެހޭއިރު، ވެކްސިން ޖެހޭނެކަން ބެލެނީ އެ މައުލޫމާތުތަކަށް ރިއާޔަތްކުރުމަށްފަހުގައިކަމަށް އޭނާ ބުންޏެވެ. އަދި ވެކްސިން ދޭ ވަގުތުގައި އަބަދުވެސް ދިމާވެދާނެ ހާލަތަކަށް ތައްޔާރުވެގެން ޑޮކްޓަރުންނާ ނަރުހުން ތިބޭނެކަމަށާއި، ވެކްސިން ދިނުމަށްފަހު ކުޑަ ވަގުތުކޮޅެއްވަންދެން އޮބްޒަވޭޝަންގައި ބާއްވާކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

މާލެ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށީގައި ގިނަބަޔަކަށް މިއަދު ދަނީ ކޮވިޑް ވެކްސިން ދެމުންނެވެ. އޭގެން އެއްވެސް ފަރާތެއްގެ ކިބައިން ސައިޑް އިފެކްޓެއް މިހާތަނަށް ފެނިފައެއް ނުވެއެވެ. ޞަފްވާންގެ ފަދައިން ވެކްސިން ލިބުނު އެތައް ބަޔަކުވެސް ބުނަނީ އެންމެންވެސް ޖެހޭނަމަ ވެކްސިން ޖަހަންވީ ކަމަށެވެ. ވެކްސިން ނުޖަހަންވީ ސަބަބެއް ނެތްކަމަށެވެ.

ކޮވިޑް-19 ބަލިން އަރައިގަނެ، އައު އާންމު ހާލަތަށް ދިވެހިރާއްޖެ ކުރާ ދަތުރުގައި އެންމެ ބޮޑު އެހީއަކަށްވާނީ ވެކްސިނެވެ. ވެކްސިނަކީ މިހާތަނަށް ރާއްޖެއިން އެތައް ބައްޔަކުން އަރައިގަތުމަށް ބޮޑު މަދަދެއް ފޯރުކޮށްދިން އެއްޗެކެވެ. ތިބާ އަދި ތިބާ ވަށައިގެންވާ ފަރާތްތަކުގެ ރައްކަލަށްޓަކައި ވެކްސިން ޖަހާށެވެ!

Advertisement

ކޮމެންޓް

Advertisement