ކޮލަމްބޯ ޕޯޓް ޕްރޮޖެކްޓްގެ އެއްބަސްވުން ރޫޅައިލުމަކީ އިންޑިއާއަށް ލިބުނު ނާކާމިޔާބެއް

05 Feb 2021 | 21:22

ސްރީލަންކާ ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު ވަރަށް ފާހަގަކުރެވޭ ނިންމުމެއް ނިންމާފައިވެއެވެ. އެއީ ސްރީލަންކާ ސަރުކާރާއި އަދި އިންޑިއާއާއި ޖަޕާންގެ ދެކުންފުޏަކުން ގުޅިގެން ކޮލަމްބޯ ޕޯޓްގެ އީސްޓް ކޮންޓެއިނަރ ޓާމިނަލް ހަދައި ހިންގުމަށް 2019 ވަނަ އަހަރު އެގައުމުގެ މިހާރުގެ ސަރުކާރުންވެފައިވާ އެއްބަސްވުން ރޫޅައިލުމަށް ކެބިނެޓުން ނިންމި ނިންމުމެވެ. މިއެއްބަސްވުން ރޫޅައިލި ސަބަބެއްކަމަށް ސްރީލަންކާއިން ފާޅުކޮށްފައިވަނީ ޕްރައިވަޓައިޒްކޮށް ތިން ފަރާތްގުޅިގެން މިމަޝްރޫއު ހިންގުމަށް އެގައުމުގެތެރޭގައި އުފެދިފައިވާ ދެކޮޅުހެދުންތައް ބޮޑުކަމުން ކަމުގައެވެ.

ތިން ގައުމުން އެއްބަސްވެފައިވާ އެއްބަސްވުމުގައި އޮތީ ސްރީލަންކާ ސަރުކާރަށް 51 ޕަސެންޓް އަދި އިންޑިއާއާއި ޖަޕާނަށް 49 ޕަސެންޓް ހިއްސާއޮވެގެން އުފައްދާ ކުންފުންޏަކުން މިމަޝްރޫއު ހިންގުމަށެވެ. މިއެއްބަސްވުން ރޫޅާލުމަށްފަހު ސްރީލަންކާ ސަރުކާރުން 650 މިލިޔަން ޑޮލަރުގެ މަޝްރޫއު މިހާރު ހަވާލުކޮށްފައިވަނީ ސްރީލަންކާގެ ޕޯޓް އޮތޯރިޓީއާއެވެ. އީސްޓް ކޮންޓެއިނަރ ޓާމިނަލް ގެ ބަދަލުގައި ސްރީލަންކާ ސަރުކާރުން މިހާރު ހުށަހަޅަނީ ވެސްޓް ލައިންނެވެ. އެކަމަކު ސްޓްރެޓެޖިކް މުހިއްމު ބަދަރަކީ އީސްޓްލައިނެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މިމަޝްރޫއަކީ އެތައް ގޮތަކުންބަލާއިރު އިންޑިއާއަށް ވަރަށް މުހިއްމު މަޝްރޫއެއްކަމަށެވެ. އެއީ ޗައިނާއިން ސްރީލަންކާގެ ހަމްބަންޓޯޓޯގެ ބަދަރު ހިންގާއިރު މިސަރަހައްދުގައި ފަތުރަމުންދާ ޗައިނާގެ ނުފޫޒު ކުޑަކުރުމަށް މިމަޝްރޫއުން އިންޑިއާއަށް އެހީވެދޭނެތީއެވެ. މިހާރު މިވީގޮތުން މިނިވަންކަމާއެކު ޗައިނާއަށް ތެޔޮ އުފުލާ ބޯޓްފަހަރުތަކަށް އިންޑިއާކަނޑުން ދަތުރުކުރެވޭނެއެވެ. ސްރީލަންކާގެ ކެބިނެޓުން މިއެއްބަސްވުން ރޫޅައިލުމަށް ނިންމުމުން އިންޑިއާ ސަރުކާރުންވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް ސްރީލަންކާ ސަރުކާރުން މިއެއްބަސްވުން މަތީގައި ދެމިއޮންނާނެކަމަށް އުއްމީދުކުރާކަމަށް ބުނެފައެވެ. 

މިއީ މިމަޝްރޫއުގައި ބައިވެރިވާ ތިންފަރާތަށްވެސް ފައިދާހުރި އެއްބަސްވުމެއްކަމުގައި ބުނެފައިވެއެވެ. ޖަޕާނުން ބުނެފައިވަނީ ގާނޫނީގޮތުން މިއެއްބަސްވުން އުވައިނުލެވޭނޭކަމަށެވެ. އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މިނިންމުން ބަދަލުކުރެވޭތޯ ސްރީލަންކާގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރ ދަނީ ސްރީލަންކާ ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކާއި ބައްދަލުކޮށް ވާހަކަ ދައްކަމުންނެވެ. މިއެއްބަސްވުމަށް ތާއީދުކޮށް ސްރީލަންކާގެ އިދިކޮޅު ޕާޓީއަށް ނިސްބަތްވާ ފަރާތްތަކުން ވާހަކަދެއްކިނަމަވެސް އެއީ މިހާރު އިންޑިއާގެ މަސްލަހަތު ހިމާޔަތްކޮށްދޭނެފަދަ އުރައްޕެއް ހުރިބައެއްކަމަށް އިންޑިއާ ސަރުކާރަށް ގަބޫލެއް ނުކުރެވެއެވެ. އޮބްޒާވަރުން ދެކޭގޮތުގައި މީގެކުރިން ރާޖަޕަކްސެގެ ސަރުކާރު ބަދަލުކުރުމަށް ސްރީލަންކާގެ އޭރުގެ އިދިކޮޅު ފަރާތްތަކަށް އިންޑިއާއިން އެހީވެދީފައިވާކަމަށް ވަރަށް ބޮޑަށް ތުހުމަތުކުރެވިފައި އޮތުމާއެކު އަލުން ރާޖަޕަކްސެގެ ސަރުކާރާއި ޖެހޭކަހަލަކަމެއް ކުރަން އިންޑިއާއިންވެސް ފަސްޖެހެއެވެ. އެކަމަކު މިއެއްބަސްވުމަކީ އިންޑިއާކަނޑުގައި ސްޓްރެޓެޖިކް ބާރުގަދަ ކުރުމަށް އިންޑިއާއަށް ކިތަންމެހާވެސް މުހިއްމު މަޝްރޫއެކެވެ. 

Advertisement

ކޮމެންޓް