ދިރާގުގެ ފްރަންޓްލައިން މުވައްޒަފުންނަށް ކޮވިޑް ވެކްސިން ދީފި

06 Feb 2021 | 16:47

ކޮވިޑް-19އިން ދިފާއުވުމަށް ވެކްސިން ޖެހުމަށް ކުރިއަށްގެންދާ ގައުމީ ހަރަކާތުގެ ތެރެއިން ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއް މުވާސަލާތީ ކުންފުނިކަމަށްވާ ދިރާގުގެ ފްރަންޓްލައިން މުވައްޒަފުންނަށް ވެކްސިން ދީފިއެވެ.

ދިރާގުން ބުނިގޮތުގައި ކޮވިޑް ވެކްސިންތަކުގެ ތެރެއިން ދިރާގުގެ މުވައްޒަފުންނަށް ޚާއްސަކުރެވިފައި ބައިން ފްރަންޓްލައިން މުވައްޒަފުންނަށް ވެކްސިން ދީފައިވަނީ މިއަދެވެ. ދިރާގުން ފާހަގަކުރިގޮތުގައި މިފަހަކަށް އައިސް ރާއްޖެއިން ފެންނަމުންދާ ކޮވިޑް ކޭސްތަކުގެ އަދަދުތައް އިތުރުވަމުން ދިއުމާއި ގުޅިގެން، ކުންފުނީގެ މުވައްޒަފުންނާއި ކަސްޓަމަރުންގެ ސިއްހަތާއި ރައްކާތެރިކަމަކީ އެކުންފުނިން ޚާއްސަ ސަމާލުކަމެއް ދެމުންދާ ކަމެކެވެ.

އެކުންފުނިން އިތުރަށް ވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އެއްބާރުލުން ދޭނެކަމަށްވެސް ބުނެފައެވެ.

ދިވެހިރާއްޖޭގައި ފެށި ވެކްސިންދިނުމުގެ ކެމްޕެއިންގައި ޖަހަމުންދަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ، އެގައުމުގެ ސީރަމް އިންސްޓިޓިއުޓްގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ.

މި ވެކްސިން އިމަޖެންސީގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ދީފައެވެ.

ކޮވިޝީލްޑަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ވެކްސިން އުފައްދާ ކުންފުނިކަމަށްވާ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއާއި ހަވާލުކޮށްގެން އޮކްސްފޯޑް-އެސްޓްރަޒެނެކާއިން އުފައްދާ ހަމަ އެފަރާތްތަކުގެ ކޮވިޑް ވެކްސިނެކެވެ. އެސްޓްރަޒެނެކާއިން ވަނީ ކުދި އަދި މެދުފަންތީގެ ގައުމުތަކަށް އަމާޒުކޮށްގެން އެއް ބިލިޔަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭން ސީރަމް އިންސްޓިޓިއުޓާއި އެކު ލައިސަންސިންގ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ކޮވިޝީލްޑް ވެކްސިންގައި ހިމެނެނީ 0.5 މިލިލީޓަރުގެ ދެ ޑޯޒެވެ. މީގެ ދެވަނަ ޑޯޒް ޖަހަންޖެހޭނީ ފުރަތަމަ ޑޯޒް ޖެހިތާ 4 އަދި 6 ހަފްތާއާ ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ. މި ވެކްސިނަކީ އާންމުގޮތެއްގައިވެސް ވެކްސިންތައް ރައްކާކުރާ އުސޫލުން ރައްކާކޮށް، ގިނަ ވެގެން ހަ މަސް ވަންދެން ބެހެއްޓޭނެފަދަ ވެކްސިނެކެވެ.

Advertisement

ކޮމެންޓް