ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ މީހުންގެ ރައްކާތެރިކަމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަަލައެއް ހުށަހަޅައިފި

08 Feb 2021 | 15:25

މާލޭ ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ މީހުންގެ ރައްކާތެރިކަމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަަލައެއް ހުށަހަޅައިފިއެވެ.

އެ މައްސަލަ ހުށަހެއްޅުއްވީ، މަޑުއްވަރީ ދާއިރާ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފެވެ.

އާދަމް ޝަރީފް އެމައްސަލަ ހުށަހެޅުއްވީ، ވިޔަފާރި ބަނދަރުގައި މަސައްކަތް ކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސަމާލުކަން ދޭންޖެހޭ ކަންކަމަށް ސަމާލުކަން ނުދެއްވުމާއި އެތަނުގެ ރައްކާތެރިކަމާއި ސަލާމަތީ ކަންކަމަށް އިހުމާވަމުގެ ސަބަބުން މީހުންގެ ފުރާނައަށް ނުރައްކާވަމުންދާ ކަމަށް ބުނެ އެވެ.

ވިޔަފާރި ބަނދަރުގައި މަސައްކަތްކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށާއި ސުޕަވިޝަނާއި މޮނީޓަރިން މިހާރަށް ވުރެ ވަރުގަދަކޮށް އެތަނުގެ ރައްކާތެރިކަމާ ބެހޭ އޮޑިޓެއް ހެދުމަށްވެސް ޢާދަމް ޝަރީފް ގޮވާލެއްވިއެވެ.

ކުއްލި މައްސަލައިގައި އިތުރަށް ގޮވާލާފައިވަނީ، މަޖޫރީ ކުންފުނިތަކުން ލާޒިމްކުރާ ކަންކަމާއި ޒިންމާތައް އަދާކުރަމުންދޭތޯ ބެލުމަށާއި އެކްސިޑެންޓްތަކުގައި އަނިޔާ ލިބޭ މިހުންނަށާއި އާއިލާތަކަށް އިންސާފު ހޯދައިދުމަށެވެ. އަދި އިމަޖެންސީ ވަގުތުގައި އަނިޔާ ލިބޭ މީހުންނަށާއި އާއިލާތައްކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހާއްސަ ސަމާލުމަކެއް ދިނުމަށް ވަނީ ގޮވާލައްވާފައެވެ.

އާދަމް ޝަރީފް މިމައްސަލަ ހުށަހެޅުއްވި އިރު މިދިޔަ މަހު ފަހުކޮޅު އެމް.ޕީ.އެލް.ގައި ބިއްލޫރި ޕްލެޓެއްގައި ދަށުވެ ފަރުވާދެމުން ދަނިކޮށް އެކަކު ވަނީ މިަރުވެފައެވެ.އަދި މިދިޔަ ހަފްތާގައި އެތަނުން ކާޕެޓް ރޯލެއް ވެއްޓުމުގެ ސަބަބުން ޒުވާނަކަށްވެސް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ.

Advertisement

ކޮމެންޓް