ފްލެޓް ކޮމިޓީން ހާމިދުއަށް ޖަވާބު ނުދީ ފްލެޓް ލިސްޓުން އުނިކޮށްފި!

15 Feb 2021 | 08:35

ދިރިއުޅުމުގެ ހާލަތަށް ބަދަލު އައިސްފައިވާ ކަމަށް ބުނެ ޚާއްޞަ އެހީއަށް ބޭނުންވާ ކެޓަގަރީން ކުރިން އެންމެ މަތިން 90 ޕޮއިންޓް ލިބިފައިވާ އާނިސްގެ ފްލެޓް ޕޮއިންޓު މަދުކުރުމުން ފްލެޓް ކަޓައިފިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އިންސާފުވެރިކަމާއެކު ފްލެޓް ދިނުމަށްކަމަށް ބުނެ އުފައްދާފައިވާ ފްލެޓް ކޮމިޓީން އިއްޔެ ނެރެފައިވާ ހިޔާ ފްލެޓްގެ ދާއިމީ ލިސްޓުން އާނިސްގެ ބައްޕައަށް ލިބިފައިވާ ފްލެޓް ވަނީ ގެއްލިފައެވެ.

އާނިސްގެ ބައްޕަވަނީ މީގެ ކުރިންވެސް މި މައްސަލާގައި ފޭސްބުކް ގައި ނުރުހުން ފާޅުކޮށްފައެވެ.

އޭނާގެ ބައްޕަ ބުނެފައި ވާގޮތުގައި އޭނާގެ ދަރިފުޅު އާނިސް އަކީ އުފެދުނީން ސުރެންވެސް ބޮޑެތި ޞިއްޙީ މައްސަލަތަކެއް ހުންނަ، ނުކުޅެދޭ ކުދިންގެ ދަފްތަރުގައި ނަން އޮންނަ ކުއްޖެކެވެ. އަދި މިހާތަނަށް ބޮލާއި އަތްފައިގެ ބޮޑެތި ސާޖަރީތަކެއް ކުރެވިފައި ވާކަމަށާއި، އުމުރުން 7 އަހަރު ވީ އިރު އަމިއްލައަށް އެއްވެސް ކަމެއް ނުކުރެވޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ތިއީ އިސްލާހު ކުރުމެއް ނޫން. ތިއީ ފްލެޓުން ވައްކަން ކުރުން. އެވެސް އަދި އާނިސްމެން ފަދަ ނުކުޅެދޭ ކުދިންގެ ޙައްޤުން.. އަޅުގަނޑުމެން ފަދަ ނިކަމެތިންގެ ޙައްޤުން" އާނިސްގެ ބައްޕަ ހާމިދު ބުންޏެވެ.

2018 ވަނަ އަހަރު ޚާއްޞަ އެހީއަށް ބޭނުންވާ ކެޓަގަރީއިން 90 ޕޮއިންޓާއެކު ފްލެޓް ލިބޭ ލިސްޓުގައި އެންމެ ކުރީގައި ހާމިދު ހިމެނިފައިވީނަމަވެސް މި ސަރުކާރުން ޙާލަތައް މާކްސް ކެނޑުމުން ވަނީ 60 ޕޮއިންޓް ދަށްވެ ފްލެޓް ކަޓާފައެވެ. އަދި މި ސަރުކާރުން ވަނީ ނުކުޅެދޭ ފަރާތްތަކަށް ދިނުމަށް ނިންމާފައިވާ ފްލެޓްގެ ޢަދަދު މަދުކޮށް މާލެ ރަށްވެހިންނަށް އެ ފްލެޓް ޚާއްޞަކޮށްފައެވެ.

"އެހެނަސް ސަރުކާރު ބަދަލުވެ އެ ލިސްޓު ބާތިލްކޮށް އަލުން ލިސްޓެއް ނެރެފި. އަލުން މި ނެރުނު ލިސްޓުގައި ޕޮއިންޓު ވަނީ 60 އަށް ދަށްކޮށް ފްލެޓު ނުލިބޭގޮތް ހަދާފައި. ޕޮއިންޓު ދަށްކުރީ ދިރިއުޅުމުގެ ޙާލަތުން ޕޮއިންޓު މަދުކޮށްފައި. އަޅުގަނޑުމެން އާއިލާ 4 މީހުން މިހާރުވެސް އުޅެނީ 2018 ގައި 90 ޕޮއިންޓު ލިބުނު އިރު އުޅުނު އެ ކޮޓަރީގައި. ޙާލަތު ބަދަލެއް ނުވޭ. ޙާލަތަށް އައި ހަމައެކަނި ބަދަލަކީ ދަރިފުޅު އާނިސް ގެ 1.5 މިލިއަން ރުފިޔާގެ އިތުރު ސާޖަރީއެއް ހަދަން ޖެހޭކަން" ހާމިދު ބުންޏެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފްލެޓް ކޮމިޓީގެ ރައީސް ޠާހާ މުޙައްމަދު ވިދާޅުވީ، ބޯހިޔާވަހިކަމަށް ބޭނުންވެ ޙާލުގައި ދިރިއުޅޭ ފަރާތްތަކަށް ފްލެޓް ނުލިބޭކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

އެހެން ނަމަވެސް ފްލެޓް ކޮމިޓީއާއި ޙަވާލުކޮށްފައި އޮތީ ހަމައެކަނި 2018 ގައި އިޢުލާންކުރި ޝަރުތުތަކާ އެއްގޮތަށް އޮތްތޯ ބެލުން ކަން ޠާހާ ފާހަގަކުރެއްވިއެވެ.

ޠާހާ ވިދާޅުވީ ފްލެޓް ނުލިބިފައިވާ އެންމެންނަކީ ފްލެޓް ޙައްޤުނުވާ މީހުން ނޫން ކަމަށެވެ.

"ވަރަށް ޙާލުގައި އުޅޭ ފަރާތްތަކަށް ފްލެޓް ނުލިބިފައި އެބަހުރި މި ކްރައިޓީރިއާ ކަނޑައެޅިފައި ހުރިގޮތުން ފްލެޓް ނުލިބި އެވަނީ އެޢަދަދަށް ފްލެޓް ނެތީމަ" ޠާހާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement