ޒިންމާދާރުކަމާ ދުރު އިދިކޮޅު ކޯލިޝަން؟

12 Feb 2021 | 20:16

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނަޒަރު ހިންގާލައިފިނަމަ، ޗައިނާ ފަދަ މަދު ގައުމެއް ފިޔަވައި އެހެން ހުރިހާ ގައުމުތަކުންވެސް ފެންނާނެ ހަގީގަތަކީ ގައުމެއް ތަރައްގީވުމުގައި ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ ޑިމޮކްރަޓިކް ނިޒާމެއް އޮތުމުގެ މުހިންމުކަމެވެ. ވަކިން ޚާއްސަކޮށް، އޭރު އޮންނަ ސަރުކާރެއްގެ ކަންކަމަށް ބިނާކުރަނިވި ފާޑުކިޔައި އެބައިމީހުން ޒިންމާދާރުކުރުވުމަކީ ގައުމެއް ކުރިއަރައިދިއުމުގެ އެންމެ ބޮޑު އެހީއެވެ. ޚިޔާލުތައް ބަދަލުކުރެވި، މަޝްވަރާ އަދި ބަހުސްގެ ތެރެއިން މެނުވީ އެންމެ ފުރިހަމައަށް ކަންކަން ކުރުމަކީ ދަތިކަމެކެވެ.

ދިވެހިރާއްޖޭގައިވެސް މި އޮންނަނީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެކެވެ. ނަމުގެ ގޮތުން އޮންނަނީ އެބީދައިންނެވެ. އެހެނަސް ކަމުގެ ގޮތުން މިއަދުގެ ދިވެހި ސިޔާސީ ނިޒާމްގައި މައިގަނޑު ގޮތެއްގައި އޮތީ ދެގޮތެކެވެ. އެއީ ސަރުކާރާއި އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަނެވެ. ދޭތެރެއިން ވަކި ދާއިރާއެއްގެ މަޖިލިސް މެންބަރަކުވެސް ތިމަންނާ މިއީ އިދިކޮޅު ސިޔާސީ ލީޑަރޭ ވިދާޅުވެ ހައްދަވައެވެ. އެހެނަސް އެއީ އަދި އެހެން ވާހަކައެކެވެ.

މިދުވަސްވަރަކީ މުޅި ދުނިޔެއިން ކަހަލަ ގޮތަކަށް ކޮވިޑް-19ގެ ބަލިމަޑުކަން ތަހައްމަލްކުރަމުންދާ ދުވަސްވަރެވެ. މިބަލީގެ އަސަރު ދިވެހިރާއްޖެއަށްވެސް މިވަނީ ފޯރާފައެވެ. ފާއިތުވެގެންދިޔަ ދެ ހަފްތާގައި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން ވަނީ އިތުރުވެފައެވެ. ހޮސްޕިޓަލްތަކުގައި އެނދުމަތިކުރަންޖެހޭ މީހުންގެ އަދަދުވެސް ވަނީ އިތުރުވެ، ސިއްހީ ނިޒާމަށް ބުރަބޮޑުވެފައެވެ. މިފަދަ ހާލަތެއްގައި ގައުމު އޮތުމަކީ އެކަކުވެސް ދެކެން ބޭނުންވާނެ މަންޒަރެއް ނޫނެވެ. މި ހާލަތުން އަރައިގަތުމަށް އެންމެންވެސް ބޭނުންވާނެއެވެ. ޑިމޮކްރަޓިކް ވެއްޓެއްގައި މިކަމުގައި އެންމެ ހެޔޮ ދައުރެއް އަދާކުރެވޭނީވެސް ސިޔާސީ ޕާޓީތަކަށެވެ.

އެ ޕާޓީތަކަށް ބަލީގެ ނުރައްކަލާއި މެދު އާންމުން ހޭލުންތެެރި ކުރުވިދާނެއެވެ. ސަރުކާރުގެ އަމަލުތަކަށް ފާރަވެރިވެ ޒިންމާދާރު ވަމުންވެސް ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ. އެހެނަސް މިއަދު ދިވެހިރާއްޖޭގެ އިދިކޮޅު ޕްެރޮގްރެސިވް-ކޮންގްރެސް ކޯލިޝަނުން މި ސިފަތައް ފެންނަނީ ކިހާ މިންވަރަކަށްތޯ ސުވާލު އުފައްދާލަން މިވަނީ ޖެހިފައެވެ.

ކޮވިޑްގެ ކޭސްތައް ދުވަހެއް ދުވަހަކަށް މައްޗަށް ދަމުންދާއިރު، ފެންނަމުންދާ މަންޒަރަކީ އިދިކޮޅު ކޯލިޝަނުން ކޮންމެ ދުވަހަކުވެސް ކޮންމެވެސް މައްސަލައެއްގައި މަގުމައްޗަށް ނުކުންނަތަނެވެ. ތެދެކެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށްމެ ލިބިދީފައިވާ ހައްގެކެވެ. ނަމަވެސް މިހާ ބޮޑަށް ބަލި ފެތުރޭއިރު، މާބޮޑު ގައިދުރުކަމެއް ނެތި މާސްކް އެޅުމުގެ އުސޫލަށް ޚާއްސަ ފަރުވާލެއް ނެތި މަގުމަތީ މުޒާހަރާ ކުރުމަކީ އެންމެ ހެޔޮގޮތްތޯއެވެ؟ ކޮންމެ ފަހަރަކުވެސް މިއިން ކޮންމެ މުޒާހަރާއެއްގައި އިވެނީ ޖަލުގައި ހުންނެވި ކުރީގެ ރައީސް  ޔާމީން ދޫކޮށްލުމަށެވެ. އެހާވަރަށް ރައީސް ޔާމީން ދޫކޮށްލަން އެދޭނަމަ ކުރެވޭނެ އެހެން ކަންކަންވެސް ހުންނާނެކަން ޔަގީނެވެ.

ދެން އޮތީ ކޮވިޑް ވެކްސިންގެ ވާހަކައެކެވެ. އިންޑިއާއިން ކޮވިޝީލްޑް ވެކްސިން ހަދިޔާކުރި ގައުމުތަކުގެ ތެރެއިން، އިދިކޮޅު ސިޔާސީ ޕާޓީއަކުން އެ ވެކްސިން ޖެހުމަށް މިހާތަނަށް ދެކޮޅު ހެދި ހަމައެކަނި ގައުމަކީ ދިވެހިރާާއްޖެއެވެ. ޑަބްލިޔުއެޗްއޯއިން ހުއްދަނުދޭތީ އެ ވެކްސިން ރައްކާތެރި ނޫން ކަމަށާއި، މިއީ ދިވެހިން އިންޑިއާގެ ލެބް ރެޓުންގެ ގޮތުގައި ބޭނުންކުރުންކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެފަރާތްތަކުގެ މަސްލަހަތު އޮންނަ މީޑިޔާތަކުން ދަނީ ވެކްސިނާ މެދު އާންމުންގެ އިތުބާރު ގެއްލޭގޮތަށް ބައެއް ފަހަރަށް ކޮންޓެންޓް ގެނެސްދެމުންނެވެ.

ކޮވިޝީލްޑް ވެކްސިން ލިބުނު ލަންކާ ފަދަ ގައުމުތަކުގައި ސިޔާސީ ފޯރި މާގަދައެވެ. އެކަމަކުވެސް އެގައުމުގެ އިދިކޮޅު ލީޑަރު ސަޖިތު ޕްރޭމަދާސަ އަދި އެސްޖޭބީ ޕާޓީގެ ފަރާތްތަކުން އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނަށް ފާޅުކަންބޮޑު ގޮތެއްގައި ދެކޮޅެއް ނަހަދައެވެ. ފަހަރެއްގައިވެސް ދެން ތިބި ގައުމުތަކުގައި ތިބީ ވެކްސިނެއްގެ ހަގީގަތެއް ދެނެގަންނަން ނޭނގޭ "ޖާހިލުން"ކަމުގައި ވިސްނައިގެން ނުވާނެއެވެ.

ދެން އޮތީ މިއަދުގެ މުޒާހަރާގެ ވާހަކައެވެ. ތެދެކެވެ. ފްލެޓްތަކުގެ މައްސަލައަކީ ވަރަށް ހައްސާސީ މައްސަލައެކެވެ. އެކަމުގައި އަޑުގަދަކުރާންވެސް ޖެހެއެވެ. އެހެނަސް މިހާ ބަލި އިތުރުވެފައި އޮއްވާ މަގުތަކަށް ނުކުމެ ރަނގަޅު ގައިދުރުކަމެއް ނެތި، މާސްކްތައް ރަނގަޅަށް ބޭނުންނުކޮށް ގިނަބަޔަކު މުޒާހަރާކުރުމަކީ ސިއްހީ ހަމަތަކުން މިނެކިރައިފިނަމަ އެއްވެސް މިންވަރަކަށް ހަމަޖެހޭކަމެއް ނޫނެވެ. މިއަދުވެސް ފެށީ ފްލެޓްގެ ވާހަކައިންނެވެ. ނަމަވެސް ވަކި ހިސާބަކުން ބަދަލުވީ އެއްކަލަ ޖަލުގައި ހުންނެވި ރައީސް ޔާމީން މިނިވަންކުރުމުގެ ވާހަކައަށެވެ. މުޒާހަރާ ނިންމާލުމަށްފަހު ޓީވީތަކަށް ފެންނާނެގޮތަށް މާސްކް ބާލައިގެން، ނޫނީ ދަތްދޮޅީގައި މާސްކް އަޅުވާލައިގެން ތިބީ ގްރޫޕް ހަދައިގެން ބޮނޑިބަތް ކާށެވެ.

ހީވާކަހަލައެވެ. ކޮވިޑް-19ގެ ބަލިމަޑުކަން ދިވެހިރާއްޖޭގައި އޮތްކަމަށާއި، ބަލީގެ ނުރައްކަލާ މެދު އިދިކޮޅު ފަރާތްތަކުން އެތިބެނީ "ޣާފިލް"ވެފައެވެ. އެ ނޫންނަމަ އެހާ ގިނަބަޔަކު ނުރައްކަލަށް އެ ހުށައަޅަނީ ކީއްވެގެންތޯއެވެ؟ ކޮވިޑްގެ ކުރީކޮޅު އެއީ އާދައިގެ ރޯގާއެއްކަމަށްބުނެ އެމްޑީޕީގެ ބައެއް މެންބަރުން ދެއްކި ވާހަކައަށް ފާޑުކީވެސް ހަމަ ޕީޕީއެމް-ޕީއެންސީގެ އިސްވެރިންނާއި އެކްޓިވިސްޓުންނެވެ. އެކަން ކުރީ ހަމަ ކުރަންޖެހޭތީއެވެ. އެހެނަސް މިއަދު ފެންނަނީ އެހެން މަންޒަރެކެވެ. އިދިކޮޅު ކޯލިޝަނުން ރައްކާތެރިކަމާއި އަދި ޒިންމާދާރުކަމާއިވެސް މާބޮޑަށް ދުރުވެފައިވާ މަންޒަރެވެ!

Advertisement

ކޮމެންޓް