Advertisement

މުހައްމަދު އިސްމާއިލްގެ ބަންދަށް ތިން ދުވަސް ޖަހައިފި

17 Feb 2021 | 20:45

އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަންގެ ފަރާތުން އިއްޔެ ކުރިއަށްގެންދިޔަ އެއްވުމުގެ ތެރެއިން ހައްޔަރުކުރި ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލްގެ ބަންދުގެ މުއްދަތަށް ތިން ދުވަސް ޖަހައިފިއެވެ.

އޭނާގެ ބަންދުގެ މުއްދަތަށް ތިން ދުވަސް ޖަހާފައިވަނީ ބަންދުގެ މުއްދަތާ މެދު ގޮތެއް ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ. މިކަން ވަނީ ޕްރޮގްރެސިވް ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދުވެސް މީޑިޔާތަކަށް ކަށަވަރުކޮށްދެއްވާފައެވެ.

މިފަހަކަށް އައިސް މުޙައްމަދު އިސްމާޢީލް ދަނީ އިދިކޮޅު ކޯލިޝަންގެ ސިޔާސީ ހަރަކާތްތަކުގެ އިސް ސަފުގައި ހަރަކާތްތެރިވެ، ސަރުކާރަށް އެކި ޕްލެޓްފޯމްތަކުގައި ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

އެގޮތުން ދާދިފަހުން ކުރި ޓްވީޓެއްގައި އެބޭފުޅާ ވަނީ ކައުންސިލް އިންތިޚާބުން ނާކާމިޔާބު ވާނެކަން އެމްޑީޕީން ޔަޤީންވުމުން، ކެނޑިޑޭޓުންނަށް ނަން އަނބުރާ ގެންދަން ފަސްލައްކަ ރުފިޔާގެ ޕެކޭޖް ހުށައަޅަމުންދާކަމަށް ވިދާޅުވެފައެވެ. އަދި އިރާދަކުރެއްވިއްޔާ ނަން ނަގައިގެންވެސް މި އިންތިޚާބުގައި ރައްޔިތުން އެމްޑީޕީއަށް 80 އިންސައްތަ ނުދޭނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިހެން ވިދާޅުވުމަށްފަހު އެކަން ސާބިތުކުރުމަށް މުޙައްމަދު އިސްމާޢީލް އެއްވެސް ހެއްކެއް ދައްކަވާފައެއް ނުވެއެވެ. މީގެކުރިން އެބޭފުޅާ ވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ގޯނިގޯނީގައި މެންބަރުންނަށް ގެންގޮސްދެއްވިކަމަށް މަޖިލީހުގެ ތަޅުމުގައި ވިދާޅުވެފައެވެ.

ނަަމަވެސް އެ މައްސަލަ ހޫނުވުމުން އެބޭފުޅާ ފަހުން ވަނީ އެއީ ސިޔާސީގޮތުން ދެއްކެވި ވާހަކައެއްކަމަށް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް