އިދިކޮޅުން ހުކުރު ދުވަހު މާލޭގައި އެއްވުމެއް ބާއްވަނީ

22 Feb 2021 | 00:34

އިިދިކޮޅު ކޯލިޝަނުން އަންނަ ހުކުރު ދުވަހު މާލޭގައި ބޮޑު އިހުތިޖާޖެއް ބޭއްވުމަށް ނިންމައިފިއެވެ.

އިދިކޮޅު ކޯލިޝަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ނިމާލް ވިދާޅުވީ އަންނަ ހުކުރު ދުވަހު މާލޭގައި ބޮޑު އިހުތިޖާޖު އޮންނާނެ ކަމަށެވެ.

އެގޮތުން ހުކުރު ދުވަހު އޮންނަ މުޒާހަރާ ގައި ބައިވެރިވުމަށްޓަކައި ރަށްތަކުގައި ތިބި މީހުން ވެސް އެދެމުންދާ ކަމަށް ނިމާލް ވިދާޅުވިއެވެ. ނަމަވެސް އެއީ އެކޯލިޝަނުން މިދަނޑިވަޅުގައި ހިތްވަރުދޭ ކަމަކަށް ނުވާތީ ބައިވެރިން ނުގެންނަން ނިންމާފައިވާކަން ނިމާލް ފާހަގަކުރެއްވިއެވެ.

ނިމާލް ވިދާޅުވީ، މާލޭގައި ދިރިއުޅޭ އިދިކޮޅު ކޯލިޝަނަށް ސަޕޯޓްކުރާ ހުރިހާ އެންމެންވެސް މި ބޮޑު އިހުތިޖާޖުގައި ބައިވެރިވުމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"މާލޭގެ ހުރިހާ ރައްޔިތުން އެ ދުވަހު ނިކުންނާނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް އެބައޮތް. ހުކުރު ދުވަހުގެ އިވެންޓު ވާނީ ވަރަށް ބޮޑު އިވެންޓަކަށް ވާނީ. މާލޭގެ ހުރިހާ ރައްޔިތުން ސަރުކާރަށް އަޑު އިއްވަން ނިކުންނާނެ ކަމުގެ ޔަގީންކަން އެބައޮތް" ނިމާލު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިދިކޮޅުން މިހާރު ބާއްވަމުންދާ އެއްވުންތަކަކީ ހިޔާ މަޝްރޫޢުގެ ދަށުން އަޅާފައިވާ ފުލެޓުތައް ދިނުމުގައި ސަރުކާރުން އޮޅުވާލާފައިވާ ކަމަށް ބުނެ ބާއްވަމުންދާ މުޒާހަރާތަކެކެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު ވެސް މިފަދަ މުޒާހަރާއެއް އިދިކޮޅުން ބޭއްވިއެވެ.

މާލޭގައި އެއްވުންތައް ބާއްވަމުންދާއިރު، ފުލުހުންވަނީ ޤާނޫނާއި ޚިލާފަށް އެއްވުންތައް ބާއްވާނަމަ ވަގުތުން ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ. އިދިކޮޅުން މަގުމަތީގައި މިގޮތަށް ބޮޑެތި އެއްވުންތައް ބާއްވަމުން ގެންދާއިރު އެޗްޕީއޭއިން ވަނީ މަގުމައްޗަށް އެއްފަހަރާ ދިހަ މީހުންނަށްވުރެ ގިނައިން އެއްވެ ނޫޅުމަށް އެދިފައެވެ.

Advertisement

ކޮމެންޓް