ބޮޑު މެޖޯރިޓީއަކުން ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީން ކާމިޔާބުކުރާނެ: ޝިފާއު

27 Feb 2021 | 18:15

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު ބޮޑު އަގުލަބިއްޔަތަކުން ވެރިކަންކުރާ އެމްޑީޕީން ކާމިޔާބުކުރާނެކަމަށް އިހަވަންދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ދިހަވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާއު ވިދާޅުވެފައިވަނީ އެމްޑީޕީއަށް ވޯޓް ދޭން ޖެހޭ ސަބަބު ބައިވަރުކަމަށާއި، ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން ގެނައި ނިޒާމެއްކަމުން އެކަން ކުރަން އެނގޭނީވެސް އެމްޑީޕީއަށް ކަމަށެވެ.

އިދިކޮޅަށް އަމާޒުކޮށް ވާހަކަ ދައްވަމުން ޝިފާއު ވިދާޅުވިގޮތުގައި އިދިކޮޅަކީ ލާމަރުކަޒީ ނިޒާމާއި ދެކޮޅު ބައެއްކަމަށް ވިދާޅުވެފައެވެ.

ރައްޔިތުން އަނިޔާވެރިކަމާއި ދެކޮޅަށް ވޯޓުން ނިމުނު ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ވޯޓުލައި ދެއްކި ފަދައިން މިފަހަރުވެސް ވޯޓު ލައި ލޯކަލް ކައުންސިލަށް އެމްޑީޕީގެ މެޖޯރިޓީ ލިބޭނެކަމަށް ޝިފާއު ވިދާޅުވެފައިވާއިރު، ގިނަ ބަޔަކު އަންނަނީ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކާއި، ސުޕަ މެޖޯރިޓީއާއެކު ގިނަ މައްސަލަތަކެއް ހައްލުކުރުމަށް ނުކުޅެދިފައިވުމުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ.

އެގޮތުން އެމްޑީޕީއަށް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ވޯޓުލާފައިވާ ގިނަ ފަރާތްތަކަކުން އަންނީ ދެން މި ސަރުކާރާށް ދޭނެ ވޯޓެއް ނެތްކަމާއި، ސަރުކާރު ބޮޑު ތަނުން ފެއިލްވެފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ.

Advertisement

ކޮމެންޓް