ވުޖޫދުގައި ނެތްކަމަށް ބުނި ހިޔާ މަޝްރޫޢުގެ އެއް ކޮަޓަރީގެ ފުލެޓުތަކެއްގެ ފޮޓޯ އާންމުކޮށްފި

24 Feb 2021 | 22:49

ވުޖޫދުގައި ނެތްކަމަށް ބުނި ހިޔާ މަޝްރޫޢުގެ އެއް ކޮަޓަރީގެ ފުލެޓުތަކުގެ އިމާރާތްތަކުގެ ފޮޓޯ އާންމުކޮށްފިއެވެ.

މި ފޮޓޯތައް އާންމުކޮށްފައިވަނީ ހިޔާ ފުލެޓުތަކަށް ކުރިމަތިލި ފަރާތްތަކުގެ ޙައްޤުގައި މަސައްކަތްކުރާ އާއްމުންގެ އެކުވެރި ގުޅުން ޖަމުޢިއްޔާގެ ފަރާތުންނެވެ.

އެ ޖަމުޢިއްޔާއިން މި ފޮޓޯތަކާ އެކު ކުރި ޓްވީޓެއްގައި ބުނީ ހުރިހާ ތަނެއް ނުނިމޭއިރު ނިމުނު ތަންތަނުން ހިޔާ 1 ކޮޓަރިއަށް ނަގަންޖެހޭ ތަންތަން ސަރުކާރު ނުނަގައި، އެކަން  ސިއްރުކޮށްގެން ތިބީކަމަށެވެ. އަދި SOE ތަކަށް ތަންތަން  ނުނިމި ލަސްވަނީވެސް ސަރުކާރަށް އެކަން ނުވުމުންކަމަށާއި،  މިއީ ގަސްތުގައި ވުޖޫދުން ގެއްލުވާލި ފުލެޓުތަކެއްކަމަށް އެ ޖަމުޢިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

ހައުސިންގ މިނިސްޓްރީން މިދިޔަ ހަފުތާގައި ކުރި އިޢުލާނެއްގައި ބުނީ ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން އިތުރު ފުލެޓު ގަންނަން ލިބެން ނެތުމުގެ ސަބަބުން ތިރީގައިވާ ކެޓަގަރީތައް އުވާލައި، އެ ކެޓަގަރީތަކަށް ހުށަހަޅާފައިވާ ފޯމުތައް ބާޠިލުކުރުމަށް ނިންމާފައިވާކަން އާންމުކޮށް އަންގައި އިޢުލާންކުރާކަމަށެވެ. އެ ކެޓަގަރީތަކަކީ:

H11- އަށާރަ އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްޞަ (1 ކޮޓަރި)

H13- މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ (1 ކޮޓަރި)

H15- އަލަތު ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ޚާއްޞަ (1 ކޮަޓަރި)

ހައުސިންގ މިނިސްޓްރީން ބުނީ އެ މަޝްރޫޢުގެ ކެޓަގަރީތަކުގެ ތެރެއިން 1 ކޮޓަރީގެ ކެޓަގަރީތަކަށް (H11 އިން H15 އަށް) ފުލެޓު ދޫކުރުމަށް ހަމަޖައްސާފައިވަނީ ހުޅުމާލޭ ފޭސް 2 ގައި ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން 1 ކޮޓަރީގެ ބައެއް ފުލެޓުތައް ސަރުކާރަށް ގަތުމަށްފަހުގައިކަމަށެވެ.

އެގޮތުން މި މިނިސްޓްރީއިން ވަނީ ސަރުކާރުން ގަތުމަށް ލިބެންހުރި ފުލެޓުތަކާ ބެހޭ މަޢުލޫމާތު، ހުޅުމާލެ ފޭސް 2 ގައި ޓަވަރުތައް އެޅުމުގެ މަސައްކަތް ކުރިއަށްގެންދާ ކުންފުނިތަކުން ހޯދާފައިވާކަމަށް ވަނީ ބުނެފައެވެ. އަދި މިނިސްޓްރީއަށް ލިބުނު މަޢުލޫމާތުތަކަށް ބިނާކޮށް ސަރުކާރުން ގަތުމަށް ލިބެންހުރީ ހަމައެކަނި މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން ސަރުކާރަށް އެލޮކޭޓްކޮށްފައިވާ 36 ފުލެޓުކަމުގައި ވަނީ ބުނެފައެވެ. 

ނަމަވެސް އާއްމުންގެ އެކުވެރި ގުޅުން ޖަމުޢިއްޔާއިން އާންމުކުރި ފޮޓޯތަކުން ދައްކާގޮތުގައި އެމްޑަބްލިޔުއެސްސީގެ އިތުރުން ސްޓެލްކޯ، އެމްއޭސީއެލް އަދި އެމްޓީސީސީންވެސް ވަނީ ފުލެޓު އިމާރާތްތަކުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. މި ފުލެޓުތައް ނުނިމި ލަސްވެފައިވަނީ ކީއްވެގެންތޯ މި ކުންފުނިތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

Advertisement

ކޮމެންޓް