ރަށްވެހި ފަތިސް ޖަލްސާ އެޗްޕީއޭގެ މިންގަޑާއި ހިލާފުވެފައިވަނިކޮށް ފުލުހުންގެ އިންޒާރު ފްލެޓް މުޒާހަރާއަށް!

26 Feb 2021 | 15:25

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި ޚިލާފަށް އެއްވާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.

ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެޗްޕީއޭއިން 13 ފެބްރުއަރީގައި ނެރުނު އިޢުލާނެއްގައި އެ ދުވަހުން ފެށިގެން ވަކިގޮތެއް އަންގަންދެން މާލޭ ސަރަޙައްދުގައި އެއްފަހަރާ ދިހަ މީހުންނަށްވުރެ ގިނައިން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ އުޅުން ހުއްޓައިލުމަށް އަންގާފައިވާކަމަށެވެ. ނަމަވެސް މި އެންގުންތަކާއި ޚިލާފަށް އަދި ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާއިވެސް ޚިލާފަށް މިއަދު މާލޭގެ އެކި ސަރަޙައްދުތަކުގައި އެއްވުންތަކެއް ބާއްވަން ރާވަމުންދާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށް ވަނީ ބުނެފައެވެ.

އެ ބަޔާނުގައި ފުލުހުން ބުނީ ކޮވިޑް-19 ފެތުރުން އިހުނަށްވުރެ އިތުރުވެފައިވާ މި ނާޒުކު ދަނޑިވަޅުގައި އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކޮށް މި ބަލިމަޑުކަމުން އަރައިގަތުމަށް އެކުގައި މަސައްކަތްކުރަންޖެހޭކަމަށް ދެކޭކަމަށެވެ.

އެހެންކަމުން މިފަދަ ޤާނޫނާއި ޤަވާޢިދާ ޚިލާފު އެއްވުންތައް ބޭއްވުމަށް ފުލުހުން ފުރުޞަތު ނުދޭނެކަމަށް ވަނީ ބުނެފައެވެ. އަދި އެޗްޕީއޭގެ އެންގުންތަކާއި ޚިލާފުވެ، އާންމު ރައްޔިތުންގެ ޞިއްޙަތު ނުރައްކަލުގެ ތެރެއަށް ހުށައެޅޭގޮތަށް ޢަމަލުތައް ބަހައްޓާ ފަރާތްތަކާ މެދު ފުލުހުން ޤާނޫނީ ފިޔަވަޅުވެސް އަޅާނެކަމަށް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް