އިދިކޮޅު ޕާޓީގެ އެންމެން ހައްޔަރުކުރުމުން އިންތިޚާބު ކާމިޔާބުކުރެވޭނެ

27 Feb 2021 | 12:04

ނިމިދިޔަ ހަފުތާގެ މެދުތެރޭ ދުވަހެއްގައި ހަވީރު ފިންޏަށް އަޅުގަނޑު ދަރިފުޅާއެކު އާޓިފިޝަލް ބީޗަށް ޖައްސާލީމެވެ. އާޓިފިޝަލް ބީޗާއި ދާދި ކައިރިން އިދިކޮޅު މައި ސިޔާސީ ޕާޓީ ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ދިވެހި ދިދަ ހިފައިގެން ވަރަށް މަދުބަޔަކު އުޅެއެވެ. ބާރުގަދަ ސްޕީކަރުތަކުން ގައުމީ ލަވަތައް ފުލުފުލުގައި އާދެއެވެ. ގިނަވެގެން ވިއްސަކަށް މީހުންވެސް ޕީޕީއެމްގެ ދޮރުމަތީގައި ތިބޭނެހެނެއް ހިއެއްނުވެއެވެ. އެއީ އެޕާޓީގެ ސަޕޯޓަރުންނެވެ. އެއަށްވުރެ އާޓިފިޝަލް ބީޗުތެރޭގައި ގައިދުރުކަމެއް ނެތި ތިބި ބިދޭސީން މާގިނައެވެ. އަދި ދިވެހިން އެއްކޮށްލުމުން މާބޮޑުތަނުންވެސް ގިނައެވެ. އެމައިމަގާއި ގުޅިފައިވާ މަޖީދީ މަގުގެ އަނެއް ފަރާތުގައި އެމްޑީޕީގެ މައިޖަގަހަތެރޭގައިވެސް އެޕާޓީގެ ވެރިންތަކެއް ތިބިހެން ހީވެއެވެ. އެއީ ސެކިއުރީޓީ ބަލަހައްޓާ ސިފައިންގެ ބޮޑީގާޑުންގެ ތިން ހަތަރު މީހަކު އެޖަގަހައިގެ ކުރިމަތީގައި އެތުރިލައިގެން ތިބިތަން ފެނުމުންނެވެ. އެޖަގަހަތެރޭގައި އެއްވެތިބި މީހުން އަނެއްފަޅީގެ ޕީޕީއެމްގެ ޖަގަހައިގެތެރޭގައި ތިބި މީހުންނަށްވުރެ މަދެއް ނުވާނެއެވެ. ފެންނަފެނުމަށް އެމްޑީޕީގެ ޖަގަހަތެރޭގައި ހިގަމުންދިޔައީ އެޕާޓީގެ ރަށްވެހި ފަތިހާއި ގުޅޭ ކޮންމެވެސް ކަމެކެވެ.

ކުއްލިއަކަށް އަޅުގަނޑުގެ ސަމާލުކަން ހުއްޓުނީ ޕީޕީއެމްގެ އޮފީސް ކުރިމައްޗަށެވެ. ފުލުހުންގެ ސްޓާފޯސްގެ ބޭކަލުންކޮޅެއް ވަރަށް ބާރަށް އެއޮފީހާއި ދިމާއަށް ދުއްވައިގަތްތަން ފެނުމުންނެވެ. ޗީބޯގޯޅިގަނޑުގެތެރެއިން ނުކުމެގެން އަންހެން ސިފައިންގެ ބަޔަކުވެސް އެދިމާ ދުއްވައިގެންފިއެވެ. ކުއްލިއަކަށް ދިދި ހިފައިގެން ތިބި ޕީޕީއެމްގެ ސަޕޯޓަރުން އޮފީސްތެރެއަށް ދެމިގެންފިއެވެ. ދެކޮޅުން ދުވެފައި އައި ފުލުހުންގެ ފައުޖު ޕީޕީއެމްގެ އޮފީހުގެ ދޮރާށި ކުރިމައްޗަށް ޖެހިލައި ބިރުގަންނަވާކަހަލަ ގޮތެއް ދައްކާފައި ތަންކޮޅެއް ދުރަށްގޮސް ކުޅިބަލަން ތިބެއެވެ. އަޅުގަނޑު ލަފާކުރިގޮތުން މިއީ ޕީޕީއެމްގެ އެކްޓިވިސްޓުންގެ ބަޔަކު އެދުވަހު މާލޭގެ މަގުމައްޗަށް މުޒާހަރާ ހިގާލުމަކަށް ނުކުމެދާނެތީ އެކަންވިޔަނުދެންވެގެން ފުލުހުން އެމީހުން ސިއްސުވާލައި ބިރުގަންނަވަންވެގެން ކުރިކަމެކެވެ. އިރުއިރުކޮޅާ ފުލުހުން އެހެން ހަދައެވެ.  

ބުނާތީ އިވެނީ މިއީ ކޮވިޑާއި ގުޅިގެން އެޗްޕީއޭއިން ނެރެފައިވާ ގައިޑްލައިނެއް ތަންފީޒުކުރުމަށް ފުލުހުން ލައްވައި ކުރުވާ ކަމެއްކަމަށެވެ. އިދިކޮޅު ސިޔާސީ ޕާޓީގެ މަދުބަޔަކު އެޕާޓީގެ އަޑު އިއްވަމުން މަގުމައްޗަށް ނުކުންނަ ނުކުތުން ހުއްޓުވައިފިނަމަ ކޮވިޑް ވަރަށް ބޮޑަށް ކޮންޓްރޯލްވާނެކަމަށް ހީވެއެވެ. އެކަމަކު ހަވީރުގަޑީގައި މާލޭގެ މަގުތައް އޮންނަނީ ތޮށްޖެހިފައެވެ. އިދިކޮޅު ޕާޓީގެ މިހަރަކާތަށްވުރެ މާގައިގޯޅިކަމާއި އެއްވުން ބޮޑެވެ. އެހެންވީމާ މިއީ ހަމައެކަނި ކޮވިޑާއި ގުޅޭ ކަމެއްކަމަކަށް ނުބެލެވެއެވެ.

ކުރިއަށް އޮތީ އިންތިޚާބެކެވެ. މިއިންތިޚާބު ކޮންމެހެންވެސް ކާމިޔާބުކޮށް އެމްޑީޕީން އެޕާޓީއަށް ރައްޔިތުން ލޯބިޖެހިފައިވާ މިންވަރު ދައްކައިލާން ކޮންމެހެންވެސް ބޭނުމެވެ. ރައީސް މުޙައްމަދު ނަޝީދުގެ ސިޔާސަތުތައް އެއީ ރައްޔިތުން ލޮލުން ބޮލުން ގަބޫލުކޮށްފައިވާ އެމަނިކުފާނާއި ރައްޔިތުން ހިތާހިތާއިގުޅިފައިވާ މިންވަރު ދައްކައިލާ އިންތިޚާބަކަށް ހަދަން ބޭނުމެވެ. ބިރަކާއި ނުލާ ޒުވާނުންނަށް މަޖާކުރެވޭނެ ނާދީއެއް އުފައްދައި ރަށްރަށުގެ މީހުން ދިރިއުޅޭ ގޭތެރޭގައި ޓޫރިސްޓް މީހާ ނިދާނެ ކޮޓަރިއެއް ހެދުމުގެ ސިޔާސަތަކީ ކުޑަކޮށް ވަކަރަށްޖަހައިލުމެކެވެ. އިންތިޚާބު ކާމިޔާބުކޮށްގެން އެޕާޓީ ތެދުވާނީ ފުލްފޯސްއާއެކުއެވެ. މަތަކުރެވޭނެ ބާރެއް އޮތް ބަޔަކު ނުތިބޭނެއެވެ. އެހެންވެ ދައުލަތުގެ މީޑިއާއާއި ރާއްޖޭގެ ހުރިހައި މީޑިއާއެއްކަހަލަގޮތަކަށް އެމްޑީޕީއަށް އޮންބޯޑްކޮށްގެން އެޕާޓީގެ ރަށްވެހި ފަތިސްގެ ނަމުގައި މުޅި ރާއްޖޭގައި ކެމްޕެއިން ކުރަމުންގެންދެއެވެ. ރަށްވެހި ފަތިސް އިފުތިތާހުކުރައްވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީން ރިޔާސީ އިންތިޚާބާއި މަޖިލިސްގެ އިންތިޚާބުގައި ވީ ވައުދުތައް ރަނުން ރަނަށް ފުއްދައިދޭނެކަމަށެވެ. ރައްޔިތުން ކޮށްދޭންވީ ކަމަކީ ބާރަށް ބާރަށް ކުރިއަށްގޮސް އެމްޑީޕީއަށް ވޯޓްއަޅައި ނިންމައިލަދިނުމެވެ. މިޔަގީންކަމާއި އިތުބާރު އޮތްކަން ފާޅުކުރެއްވިނަމަވެސް ރަށްވެހި ފަތިހުގައި އެޕާޓީގެ ކެންޑިޑޭޓުން ފާޅުކުރި ޝުއޫރުތަކަކީ ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދައިގެން މީހުން ހިތްހަމަނުޖެހިފައި ތިބި ކަމެވެ. ރަށްރަށުގެ މަންދޫބުން ޝަކުވާތައް ކުރާންފެށުމުން އިންފްރާންސްޓްރަކްޗަރ މިނިސްޓަރ އަސްލަމް ފަދަ ބައެއް ބޭފުޅުން ދެއްވަނީ ފާޑެއްގެ މަލާމާތުގެ ޖަވާބެކެވެ. ކެންޑިޑޭޓުންނަށް ކަންކަން ނޭނގެއެވެ. ސަރުކާރުންވަނީ ވައުދުތައް ފުއްދާފައެވެ. އަދި މިހާރުވެސް ދަނީ ފުއްދަމުންނެވެ. ރާއްޖޭގެ މީޑިއާގެ ދީލަތިކަމުން އެޕާޓީ ރަށްވެހި ފަތިހުގެތެރޭގައި ބޮޑުފަޟީހަތަކުން ސަލާމަތްވެވިފައިވެއެވެ.

ނަޝީދު ދާދިފަހުން ވިދާޅުވިއެވެ. ހިސާބު ޖައްސަވަޖައްސަވާ އެމްޑީޕީ މިއަންނަ އިންތިޚާބުން ބަލިވާގޮތަކަށް އޮތްކަމަކަށް ނުދައްކައެވެ. އެކަމަކު ރަށްރަށުގެ ކެންޑިޑޭޓުންގެ އުދާސްތައް އޭނާއަށް ވިސްނިވަޑައިގަންނަވައެވެ. މިދަނޑިވަޅުގައި މާލޭގައި އިދިކޮޅު ޕާޓީ ޕީޕީއެމްގެ އޮފީސްތެރެއަށް ޕާޓީގެ މީހުން އެއްކޮށްގެން އެކުރާ ކަންތައްތައްވެސް އޭނާއަށް ވަޒަންކުރެއްވެއެވެ. މާލޭގައި ހިންގާ ހަރަކާތްތަކުން ރަށްރަށުގައި ތިބި އެޕާޓީގެ އެކްޓިވިސްޓުންނަށް ޖޯޝްލިބޭތަން ދެކޭކަށް ބޭނުމެއްނުވެއެވެ. އެންމެ މޮޅުގޮތަކީ ވެވުނުގޮތަކުން ޕީޕީއެމް ހުއްޓުވުމެވެ. އެހެންނޫނީ ކެއްސެއް ލިބިދާނެއެވެ. އެޕާޓީގެ ހުރިހައި ލީޑަރުން ހައްޔަރުކޮށް ޖަލަށް ލައިގެންވިޔަސް އެހަރަކާތްތައް ހުއްޓުވަންޖެހެއެވެ. މިހާރު އެވަނީ އެގޮތުގެ މަތިން ތަޅުއަޅުވާފައެވެ.

ޕާޓީގެ ނަމުގައި ޑިމޮކްރެޓިކް އޮތީމައި ހުރިހާކަމެއްވެސް ހިނގާނީ ޑިމޮކްރަސީއާއި އެއްގޮތަށްކަމަށް ބެލީމާ ނިމުނީއެވެ.

Advertisement

ކޮމެންޓް