މަލީހުގެ އިތުބާރުނެތްކަމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

28 Feb 2021 | 12:42

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ޖަމާލްގެ އިތުބާރުނެތްކަމުގެ މައްސަލަ މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

އެގޮތުން މާޗް1ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 2021ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 11ވަނަ ޖަލްސާގައި ފުރަތަމަ ކަމަކަަށްވެސް އޮތީ އެ މައްސަލަ މަޖިލީހުގެ ރައީސްގެ މޭޒުން ހުށައެޅުމެވެ.

14 މެންބަރުންގެ ސޮޔާއި އެކު މަލީހާއި ދެކޮޅަށް އިތުބާރުނެތްކަމުގެ މައްސަލައެއް ވައްދާފައިވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުންނެވެ. މި މައްސަލައިގައި ޖަވާބުދާރީވާން މިނިސްޓަރ މަލީހަށް ވަނީ ގާނޫނުގައިވާ ގޮތުގެ މަތިން 14 ދުވަހުގެ މުއްދަތެއް ދެވިފައެވެ.

ނަމަވެސް ނޯޓިސްގައި ގާނޫނީ މައްސަލަތަކެއް އެބަހުރިކަމަށާއި، އެ އަނބުރާ ފޮނުވާލައްވާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައިވަނީ ޓެލެކޮމިއުނިކޭޝަން ޤާނޫނުގައި ބަޔާންކޮށްފައިވާގޮތަށް ކޮމިޔުނިކޭޝަންސް އޮތޯރިޓީ އިން ހަދަންޖެހޭއެއްވެސް ޤަވާޢިދެއް، މަޤާމުގައި ދެ އަހަރު ވީއިރުވެސް ހައްދަވާފައި ނުވާ ކަމަށްބުނެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ އިންޓަރނެޓްގެ ޚިދުމަތް ރަނގަޅު ނުވާ މައްސަލައިގައި މަލީހަށް އަބަދުވެސް އާންމުންގެ ފާޑުކިޔުމާއި ކުރިމަތިލައްވަން ވަނީ ޖެހިވަޑައިގެންފައެވެ.

Advertisement

ކޮމެންޓް