މ.މުލި އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

28 Feb 2021 | 18:03

މ.މުލީގައި އެޅުމަށް ހަމަޖެހިފައިވާ ރީޖަނަލް އެއާޕޯޓުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން މ.މުލި އެއާޕޯޓުގެ މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީއާއި އެކު ސޮއިކޮށްފައިވަނީ މިއަދެވެ. މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫގެވެ.

221،733،478.22 ރުފިޔާއަށް ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން އެއާޕޯޓުގެ މަސައްކަތަށް އިތުރު ބިން ހިއްކައި އެ ސަރަޙައްދުގައި ރިވެޓްމެންޓް ޖަހައި، 1200 މީޓަރުގެ ރަންވޭއެއް ހަދައި، ޓާމިނަލް އިމާރާތެއް ހަދައި އަދި އެއާޕޯޓަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ގާއިމްކުރަންޖެހެއެވެ.

މި މަޝްރޫޢުގެ މަސައްކަތްތައް ނިންމުމަށް އެމްޓީސީސީއަށް ދީފައިވަނީ އެއް އަހަރުގެ މުއްދަތެކެވެ.

Advertisement

ކޮމެންޓް