އުމުރުން 20 އަހަރުން މަތީގެ ފަރާތްތަކަށް ކޮވިޑް ވެކްސިން ދޭން ފަށައިފި

01 Mar 2021 | 13:20

މާލޭ ސަރަޙައްދުގައި ދިރިއުޅޭ އުމުރުން 20 އަހަރުން މަތީގެ ފަރާތްތަކަށް މިއަދުން ފެށިގެން ކޮވިޑް-19އާ ދެކޮޅަށް ވެކްސިން ޖެހުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެޗްޕީއޭއިން ރޭ ބުނިގޮތުގައި މިހާރު ވެކްސިންޖެހޭނެ ފަރާތްތަކަކީ 20 އަހަރުން މަތީގެ މީހުން، އެނދުމަތިވެފައިވާ ފަރާތްތައް ބެލެހެެއްޓުމުގައި އުޅޭ މީހުން އަދި އުމުރުން 18 އަހަރާއި 20 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުންގެ ތެރެއިން ދިގު މުއްދަތަކަށް ބޭސްފަރުވާކުރާ މީހުންނެވެ.

ފާހަގަކޮށްލެވޭގޮތުގައި ވެކްސިން ޖެހުމަށްފަހު ދޫކުރެވޭ ކާޑު ދައްކާ ފަރާތްތަކަށް ޚާއްޞަ ޑިސްކައުންޓްތަކެއް އަދި އޮފަރތަކެއް ދޭން ބައެއް ވިޔަފާރިތަކުން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ސޯލްޓް ކެފޭ، ޕިއްޒާ ކިޗަން، ޕިއްޒާ ބޯނާ އަދި ސީހައުސްފަދަ މަަޝްހޫރު ތަންތަން ހިމެނެއެވެ. ދިވެހިރާއްޖޭގައި މިހާތަނަށް ވަނީ 111،000 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ.

ދިވެހިރާއްޖޭގައި ފެށި ވެކްސިންދިނުމުގެ ކެމްޕެއިންގައި ޖަހަމުންދަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ، އެޤައުމުގެ ސީރަމް އިންސްޓިޓިއުޓްގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ.

މި ވެކްސިން އިމަޖެންސީގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި ޑަބްލިޔުއެޗްއޯއިން ވަނީ ދީފައެވެ.

ކޮވިޝީލްޑަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ވެކްސިން އުފައްދާ ކުންފުނިކަމަށްވާ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއާއި ހަވާލުކޮށްގެން އޮކްސްފޯޑް-އެސްޓްރަޒެނެކާއިން އުފައްދާ ހަމަ އެފަރާތްތަކުގެ ކޮވިޑް ވެކްސިނެކެވެ. އެސްޓްރަޒެނެކާއިން ވަނީ ކުދި އަދި މެދުފަންތީގެ ޤައުމުތަކަށް އަމާޒުކޮށްގެން އެއް ބިލިޔަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭން ސީރަމް އިންސްޓިޓިއުޓާއި އެކު ލައިސަންސިންގ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ކޮވިޝީލްޑް ވެކްސިންގައި ހިމެނެނީ 0.5 މިލިލީޓަރުގެ ދެ ޑޯޒެވެ. މީގެ ދެވަނަ ޑޯޒް ޖަހަންޖެހޭނީ ފުރަތަމަ ޑޯޒް ޖެހިތާ 8 ހަފްތާގެ މުއްދަތެއްގެ ތެރޭގައެވެ. މި ވެކްސިނަކީ އާންމުގޮތެއްގައިވެސް ވެކްސިންތައް ރައްކާކުރާ އުސޫލުން ރައްކާކޮށް، ގިނަ ވެގެން ހަ މަސް ވަންދެން ބެހެއްޓޭނެފަދަ ވެކްސިނެކެވެ.

Advertisement

ކޮމެންޓް