ބަންޑާރަ ބިން ހިލޭ ލިބޭނެ: އަލްޙާން

06 Mar 2021 | 11:33

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ހޮވިއްޖެނަމަ މާލޭގެ ރައްޔިތުންނަށް ބަންޑާރަ ބިމުން ގޯތި ހިލޭ ލިބޭނެ ގޮތް ހަދައިދޭނެ ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލްޙާން ފަހުމީ ވިދާޅުވެއްޖެއެވެ.

ބިމާ ބެހޭ ސިޔާސަތު ޓުވީޓް ކުރައްވަމުން އަލްޙާން ވިދާޅުވީ ބަންޑާރަ ބިން ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ހިއްސާކުރެވޭނެ ކަމަށެވެ. ނަމަވެސް އެކަން ކުރެވޭނީ ޤާނޫނަށް ބަދަލު ގެނެވިގެން ކަމަށް އަލްޙާން ފާހަގަކުރެއްވިއެވެ.

އަލްޙާން ވިދާޅުވީ، އެކަން ކުރާނީ ރައްޔިތުންގެ މަޖިލީހުގެ މާލޭ މެންބަރުން ބިމާ ބެހޭ ޤާނޫނަށް ހުށަހަޅާ އިސްލާހަކުން ކަމަށެވެ

"ބަންޑާރަ ބިން ހިލޭ ދޫކުރާނަން. ބިން ނުދެވޭ ފަރާތްތަކަށް ބަންޑާރަ ބިމުގައި އެއްމެދު އިމާރާތްކޮށް، ފުލެޓު ދީގެން ވިޔަސް ބޯހިޔާވަހިކަން ކަށަވަރު ކޮށްދީ ބިންވެރި ކުރުވާނަން،" އަލްޙާންގެ ވަޢުދުތަކުގައި ވެއެވެ.

އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީ ކައުންސިލް މޭޔަރުކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒާއި އެމްޑީޕީގެ ފަރާތުން އަނަސް ޢަބްދުއްސައްތާރު ވެސް ވާދަކުރައްވައެވެ.

Advertisement

ކޮމެންޓް

Advertisement