ސްރީލަންކާގައި ކޮވިޑް-19 ބަލީގައި ނިޔާވާ ފަރާތްތައް ވަޅުލަން ފަށައިފި

05 Mar 2021 | 21:59

ކޮވިޑް-19 ބަލީގައި ސްރީލަންކާގައި ނިޔާވާ ފަރާތްތައް ވަޅުލަން ފަށައިފިއެވެ.

އެގޮތުން މިއަދުގެ ވަގުތެއްގައި އެޤައުމުގެ އަވަށެއްކަމުގައިވާ ބެޓިކަލޯގެ ކަނޑައެޅިފައިވާ ސަރަޙައްދެއްގައި ވަނީ ކޮވިޑް ބަލީގައި ނިޔާވި މީހެއްގެ ހަށިގަނޑު ވަޅުލާފައެވެ.

ސްރީލަންކާގެ އޮންލައިން ނޫހެއްކަމަށްވާ "ކޮލަމްބޯ ގެޒެޓް"ގައި އެގައުމުގެ ސިފައިންގެ ކޮމާންޑަރ ޖެނެރަލް ޝާވެންދްރަ ސިލްވާ އާއި ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަށިގަނޑުގެ އިތުރުންވެސް އިތުރު ފަސް މީހެއްގެ ހަށިގަނޑު މި ސަރަޙައްދުގައި މިއަދު ވަޅުލަން ވަނީ ހަމަޖެހިފައެވެ. ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން ނިޔާވާ މީހުން ވަޅުލަން ޖުމުލަ ތިން ތަނެއްވަނީ ކަނޑައަޅާފައެވެ.

ލަންކާގައި ކޮވިޑް-19 ބަލީގައި ނިޔާވާ ފަރާތްތައް އަންދާލުން ނުވަތަ ވަޅުލުމުގެ ފުރުޞަތު އޮންނާނެއެވެ. މިފަދައިން ވަޅުލާ ފަރާތްތައް ވަޅުލެވޭނީ އެޤައުމުގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާރވިސަސް އަދި ކަމާބެހޭ އެހެނިހެން އިދާރާތަކުގެ އިރުޝާދުގެ ދަށުން، ގަބުރުސްތާނެއް ނުވަތަ ކަނޑައެޅޭ އެހެން ތަނެއްގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކޮވިޑް ބަލީގައި ނިޔާވާ ފަރާތްތަކުން ވަޅުލުމުގެ ފުރުޞަތު ސްރީލަންކާއިން ދޭން ނިންމީ އެޤައުމުގެ މުސްލިމުންނާއި ސިވިލް ސޮސައިޓީގެ ގިނަބަޔެއްގެ އިތުރުން ބައިނަލްއަގްވާމީ މުޖުތަމަޢުގެ ގިނަބަޔަކު އެކަމަށް ގޮވާލަމުން ދަނިކޮށެވެ. މިހާރު ކުރިއަށްދާ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމުގައި ސްރީލަންކާއާ ދެކޮޅަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރޭގައިވެސް ކޮވިޑް ބަލީގައި މަރުވާ އެންމެން އަންދާ މައްސަލަ ވަނީ ފާހަގަކުރެވިފައެވެ. މީހުން ވަޅުލުމުގެ ފުރުސަތުދޭން ނިންމީ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގައިވެސް އެކަން ނެގިގެންދާނެކަމުގެ އިޝާރާތެއް ލިބި، ޕާކިސްތާނުގެ ބޮޑުވަޒީރު ައިމްރާން ޚާން ލަންކާއަށް ޒިޔާރަތެއް ކުރެއްވިފަހުންކަންވެސް ފާހަގަކޮށްލެވެއެވެ.

ދިވެހިރާއްޖޭގެ ޚާރިޖިއްޔާއިން ހާމަކުރިގޮތުގައި ސްރީލަންކާއިން ވަނީ ކޮވިޑް ބަލީގައި ނިޔާވާ މުސްލިމުންގެ ޖަނާޒާގެ ކަންކަމުގައި އެހީތެރިވެދޭން ދިވެހިރާއްޖޭގެ ކިބައިންވެސް އެދިފައެވެ. ނަމަވެސް އެޤައުމުގެ ކެބިނެޓްގެ ތަރުޖަމާނު ވަނީ މިކަމަށް އިންކާރުކޮށްފައެވެ.

Advertisement

ކޮމެންޓް