ސައްޙަ ވިސާ ނެތި ލަންކާގައި އުޅެމުންދިޔަ ދިވެހިންތަކެއް ހައްޔަރުކޮށްފި

07 Mar 2021 | 21:50

ސައްޙަ ވިސާއާ ނުލައި ސްރީލަންކާގައި އުޅެމުންދިޔަ ބޭރުގެ ބަޔަކު ހައްޔަރުކޮށްފިއެވެ.

ސްރީލަންކާގެ ނޫހެއްކަމަށްވާ "ދަ މޯނިންގ"އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮލަމްބޯ އަދި ގުޅިފައިވާ ސަރަޙައްދުތަކުގައި އިއްޔެ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ސައްޙަ ވިސާއެއް ނެތި އޯވަރ ސްޓޭވުމުގެ ސަބަބުން ހައްޔަރުކޮށްފައިވަނީ ނައިޖީރިއާއަށް ނިސްބަތްވާ ތިން މީހުންނާއި ހަތަރު ދިވެހިންނެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ މައުންޓް ލެވީނިޔާ، މޮރަޓުވާ، ދެހިވަލަ، ސްލޭވް އައިލެންޑް އަދި ގްރޭންޑް ޕާސްއިންނެވެ. މީގެ ތެރެއިން މައުންޓް ލެވީނިޔާ އަދި ދެހިވަލަޔަކީ ގިނަ އަދަދެއްގެ ދިވެހިން އުޅޭ ދެ ސަރަޙައްދުކަން ފާހަގަކޮށްލެވެއެވެ.

މިކަމާ ގުޅޭގޮތުން މަޢުލޫމާތުދެމުން ސްރީލަންކާގެ ފުލުހުންގެ ތަރުޖަމާނު ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް އަޖިތު ރޯހަނަ ވިދާޅުވީ ވިސާގެ މުއްދަތު ހަމަވެ އޯވަރ ސްޓޭވެފައިވާ ފަރާތްތައް ހައްޔަރުކުރުމަށް އިމިގްރޭޝަނާއި ގުޅިގެން ލަންކާގެ ފުލުހުން ކުރިއަށް އޮތް ތަނުގައިވެސް އިތުރު އޮޕަރޭޝަންތައް ކުރިއަށް ގެންދާނެކަމަށެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ހައްޔަރުކުރެވުނު ހަތަރު ދިވެހިންނަށްވެސް ކޮންސިއުލަރ އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ބުނެފައެވެ. އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ހުރިހާ ދިވެހިންވެސް އެޤައުމުގެ ޤަވާޢިދުތަަކަށް ބޯލަނބާ، ވިސާގެ ކަންކަން ހުރީ ރަނގަޅަށްތޯ ބެލުމަށް ސަމާލުކަންދޭން ވަނީ އެދިފައެވެ.

Advertisement

ކޮމެންޓް