ޔޫރަޕްގެ ބައެއް ގައުމުތަކުން އެސްޓްރާޒެނެކާގެ ވެކްސިން މެދުކަނޑާލައިފި

12 Mar 2021 | 11:49

ޔޫރަޕްގެ ބައެއް ގައުމުތަކުން އޮކްސްފޯޑް އެސްޓްރާޒަނެކާގެ ވެކްސިން ޖެހުން މެދުކަނޑާލައިފިއެވެ.

ވެކްސިން ދިނުން މެދުކަނޑައިލީ ވެކްސިން ޖެހި ބައެއް މީހުންގެ ލޭ ގަނޑުވުމާއި ގުޅޭ މައްސަލަތަކެއް ފެންމަތިވާން ފެށުމުން އެމައްސަލަތަކާއި ވެކްސިނާއި ގުޅުމެއް އޮތްތޯ ދިރާސާކުރުމުގެ ގޮތުންނެވެ.

ވެކްސިން މެދުކަނޑައިލި ޔޫރަޕްގެ ގައުމުތަކުގެތެރޭގައި ޑެންމާކާއި ނޯވޭއާއި އައިސްލެންޑް ހިމެނެއެވެ. ވެކްސިން ޖަހާފައިވާ ބައެއް މީހުންގެ ލޭގަނޑުވުމުގެ މައްސަލަތަކެއް ރިޕޯޓްކުރެވިފައިވުއެވެ. މިއީ ވެކްސިންގެ އެއްބެޗަކަށް ނިސްބަތްވާ ކޭސްތަކެއްކަމަށް ވެއެވެ. މިބެޗްގެ އެއް މިލިޔަން ވެކްސިން ޑޯޒް ޔޫރަޕަށް ބަހާފައިވެއެވެ. މިބެޗަށް ނިސްބަތްވާ ވެކްސިން ޑޯޒްތައް ދިނުން އިޓަލީއާއި އޮސްޓްރިއާއި ލިތުއޭނިއާއާއި ލަކްޒަންބާގާއި ލެޓްވިއާ އިން ސަސްޕެންޑްކޮށްފައިވެއެވެ.

ޑެންމާކުގެ ހެލްތު މިނިސްޓަރ ވިދާޅުވީ އެސްޓްރާޒެނެކާގެ ވެކްސިން އެގައުމުގައި މެދުކަނޑައިލީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. މިހާރު ދިމާވެގެން އުޅޭ މައްސަލައާއި ވެކްސިނާއި ގުޅިފައިވާކަން އަދި ރަނގަޅަށް ސާފު ނުވާކަމަށްވެސް ވިދާޅުވިއެވެ.

ޔޫރަޕިއަން މެޑިކަލް އެސޯސިއޭޝަނުން ބުނެފައިވަނީ ވެކްސިން ޖެހިމީހުންގެ ތެރޭގައި ލޭގަނޑުވުމުގެ މައްސަލަތައް ރިޕޯޓްކުރި މީހުންގެ ނިސްބަތް ވެކްސިން ނުޖަހާ މީހުންގެތެރޭގައި ލޭގަނޑުވުމުގެ މައްސަލަތައް ދިމާވާ މީހުންގެ ނިސްބަތާއި އަޅާބަލާއިރު ވެކްސިން މެދުކަނޑާލަންޖެހޭ ފަދަ ސަބަބެއް އޮތްކަމަކަށް ނުފެންނަކަމަށެވެ. އެހެންކަމުން ވެކްސިން މެދުކަނޑާލުމަށް އެފަރާތުން އިރުޝާދުދޭން ކޮންމެހެން އަދި ނުޖެހޭކަމަށްވެސް ބުނެފައިވެއެވެ.

އިނގިރޭސިވިލާތުން ބުނެފައިވަނީ އޮކްސްފޯޑް ވެކްސިނަކީ ރައްކާތެރި ވެކްސިނެއްކަން ސާބިތުކުރެވިފައިވާކަމަށެވެ. އެސްޓްރާޒެނެކާއިންވެސް ބުރާސްފަތި ދުވަހު ބަޔާނެއް ނެރެ އެކުންފުނީގެ ވެކްސިންއަކީ ރައްކާތެރި ވެކްސިނެއްކަން ޔަގީންކޮށްފައިވާކަމަށް ބުނެފައިވެއެވެ.

Advertisement

ކޮމެންޓް