ގައުމު ހިންގަން އިކޮނޮމިސްޓްއަކަށްވުރެ ސައިވިއްކާ މީހެއް މާ ރަނގަޅު: ބީޖޭޕީ ރައީސް

12 Dec 2018 | 10:18

އިކޮނޮމިސްްޓްއަކަށްވުރެ ގައުމެއް ހިންގުމަށް ސައިވިއްކާ މީހަކު މާ ރަނގަޅުކަމަށް ބީޖޭޕީގެ ރައީސް އަމިތް ޝާހް ވިދާޅުވެއްޖެއެވެ.

އަމިތް ޝާހް މިހެން ވިދާޅުވީ އިންޑިޔާގެ ބޮޑުވަޒީރު، ނަރެންދްރަ މޯދީގެ މައްޗަށް ބިނާކޮށް އޭނާ ލިޔުއްވި ފޮތެއް ނެރުމަށް ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަމިތް ޝާހް ވިދާޅުވީ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގް މަގާމުން ވަކިވެވަޑައިގެންނެވިއިރު، އިންޑިޔާ އޮތީ އިގްތިސާދީގޮތުން އަށްވަނައިގަައި ކަމަށާއި، ނަމަވެސް ބޮޑުވަޒީރުކަމަށް ނަރެންދްރަ މޯދީ ހަވާލުވެ ވަޑައިގަތުމަށްފަހު ހަވަނައަށް އިންޑިޔާ އަރާފައިވާ ކަމަށެވެ.

ޝާހް ވިދާޅުވީ ބައެއް ފަރާތްތަކުން ބީޖޭޕީގެ ސަރުކާރަކީ ޚުދުމުހުތާރު ސަރުކާރެއްގެ ގޮތުގައި ސިފަކުރަނީ ވަރުގަދަކޮށް ސަރުކާރެއް ހިންގުމަކީ ކޮބައިކަން ނޭނގޭތީކަމަށެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ މަންމޯހަން ސިންގްއަކީ އިކޮނޮމިސްޓެއްކަން ގަބޫލުކޮށް، އެކަމަށް އިހުތިރާމުކުރާ ކަމަށެވެ. ނަމަވެސް ހަގީގަތަކީ އިކޮނޮމިސްޓްެއަކަށްވުރެ ސައިވިއްކާ މީހަކު ގައުމު ހިންގަން މޮޅުވެފައިވާކަން ކަމަށްވެސް އަމިތް ޝާހް ވަނީ ވިދާޅުވެފައެވެ.

އަމިތް ޝާހް ސައިވިއްކާ ޗާއިވާލާގެ ގޮތުގައި ސިފަކުރައްވަނީ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށެވެ. އެ ލަގަބަކީ މޯދީ އެމަނިކުފާނު އަމިއްލަ ނަފްސަށް ދެއްވި ލަގަބެކެވެ.

Advertisement

ކޮމެންޓް