މޯދީ ބަނގުލަދޭޝަށް ކުރައްވަމުންގެންދަވާ ދަތުރުފުޅާއި ދިމާކޮށް ބޮޑެތި ހަމަނުޖެހުންތަކެއް!

26 Mar 2021 | 21:10

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ބަނގުލަދޭޝަށް ކުރައްވާ ދަތުރުފުޅާއި ދިމާކޮށް އެޤައުމުގެ ބައެއް ހިސާބުތަކުގައި ހުރި މުޒާހަރާތަކެއް ހޫނުވެ ހަތަރު މީހަކު މަރުވެއްޖެއެވެ.

ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ބޮޑުވަޒީރު ބަނގުލަދޭޝަށް ވަޑައިގެން އުޅުއްވަނީ ބަނގުލަދޭޝް މިނިވަން ޤައުމަކަށްވުމުގެ ރަންޔޫބީލް އަދި އެޤައުމުގެ މިނިވަންކަމުގެ ބާނީ ޝައިޚް މުޖީބުއްރަހްމާން އުފަންވިތާ 100 އަހަރު ފާހަގަކުރުމަށް ބަނގުލަދޭޝްއިން ބާއްވަމުންދާ ހަރަކާތްތަކުގައި ބައިވެރިވުމަށެވެ. މިއަދަކީ ބަނގުލަދޭޝްގެ މިނިވަންކަން ފުރަތަމަ ފަހަރަށް ރަސްމީކޮށް އިޢުލާންކުރެވުނު ދުވަހެވެ.

އިންޑިއާއަކީ ކުރިން އީސްޓް ޕާކިސްތާނުގެ ނަމުގައި އޮތް ބަނގުލަދޭޝްގެ މިނިވަންކަމުގެ ހަރަކާތަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ޤައުމެކެވެ.

ބޮޑުވަޒީރު މޯދީ ބަނގުލަދޭޝަށް ކުރައްވަމުންގެންދަވާ ދަތުރުފުޅާއި ދިމާކޮށް، ބަނގުލަދޭޝްގެ ބައެއް ޖަމާޢަތްތަކުން ދަނީ މޯދީއާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާކުރަމުންނެވެ. އެގޮތުން އިންޑިއާގައި މޯދީ އަދި ބީޖޭޕީން މުސްލިމުންނަށް އިހާނެތިކޮށް ޢަމަލުކޮށް، އެމީހުން ބާކީކުރަމުންދާކަމަށް ބުނެ މުޒާހަރާކުރަމުންދާ ފަރާތްތަކުން ދަނީ އަޑުއުފުލަމުންނެވެ. މި މުޒާހަރާތައް ހޫނުވެގެންގޮސް، ބައެއް ބައިވެރިން ދަނީ ފުލުސް ސްޓޭޝަންތަކަށާއި މުޒާހަރާ ކޮންޓްރޯލްކުރުމަށް ނުކުމެތިބި ފުލުހުންނަށްވެސް ހަމަލާދެމުންނެވެ.

އެގޮތުން ބަނގުލަދޭޝްގެ ޗިޓަގޮންގ ޝަހަރުގައި، މުޒާހަރާކުރަމުންދިޔަ ފަރާތްތަކުން ފުލުހުންގެ މަރުކަޒަކަށް ވަދެ އެތަނަށް ހަމަލާދޭން ފެށުމުން، ކަރުނަ ގޭސް އަދި ރަބަރު އުންޑައިން ރައްދު ދިނުމުގެ ސަބަބުން 8 މީހަކު ޒަޚަމްވެ، އޭގެ ތެރެއިން ހަތަރު މީހަކު މަރުވެފައިވާކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ. މީގެ އިތުރުން އިއްޔެގެ ހުކުރު ނަމާދަށްފަހު، ބަނގުލަދޭޝްގެ ވެރިރަށް ޑާކާގެ މައި މިސްކިތް ކައިރިއަށް އެއްވި މީހުންގެ މެދުގައިވެސް ހަމަނުޖެހުންތަކެއް ހިނގައި ބައެއް މީހުންނަށް އަނިޔާވިކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. މި މީހުންގެ މެދުގައި ހަމަނުޖެހުން އުފެދިފައިވަނީ ބައެއް ފަރާތްތަކުން ބޮޑުވަޒީރު މޯދީއަށް ބޭއިޙުތިރާމުކުރާކަން ދެއްކުމުގެ ގޮތުން ފައިވާނާއި ބޫޓުތައް ވައިގައި ހޫރަން ފެށުމުން، އެކަން ހުއްޓުވުމަށް އެހެން ބަޔަކު މަސައްކަތްކުރުމުގެ ތެރޭގައެވެ.

މި ހަމަނުޖެހުންތަކުގައި ނޫސްވެރިންވެސް ހިމެނޭހެން 40 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުންވެސް މޯދީގެ ދަތުރުފުޅާއި ދެކޮޅަށް ޑާކާގެ މަގުތަކުގައި ކުރި އެހެން މުޒާހަރާތައްވެސް ހޫނުވެ، ބައެއް އާންމުންނާއި ފުލުުހުންނަށްވެސް ވަނީ އަނިޔާވެފައެވެ. މި މުޒާހަރާތަކާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ހައްޔަރުވެސް ކޮށްފައެވެ.

Advertisement

ކޮމެންޓް