ރުވާންޑާގައި ހިނގި ނަސްލީ ގަތުލުއާންމުގެ ބޮޑު ޒިންމާއެއް ފުރާންސުން އުފުލަންޖެހޭނެކަމަށް ބުނެފި

27 Mar 2021 | 15:21

1994ވަނަ އަހަރުގައި ރުވާންޑާގެ ޓުޓްސީ ނަސްލުގެ މީހުންނަށް މައިގަނޑު ގޮތެއްގައި އަމާޒުކޮށްގެން ހިންގި ނަސްލީ ގަތުލުއާންމުގެ ބޮޑު ޒިންމާއެއް ފުރާންސުން އުފުލަން ޖެހޭނެކަމަށް ބުނެފިއެވެ.

މިފަދައިން ބުނެފައިވަނީ ރުވާންޑާގައި ހިނގައިދިޔަ ގަތުލުއާންމުގައި ފުރާންސުގެ ދައުރު އޮތް މިންވަރު ބެލުމަށް، އެޤައުމުގެ ރައީސް އިމެނުއެލް މެކްރޯން އުފެއްދެވި ރިޔާސީ ކޮމިޝަނަކުން ތައްޔާރުކުރި ތަޙުޤީޤީ ރިޕޯޓެއްގައެވެ. 

މި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި 800،000 އެއްހާ މީހުން މަރުވި މި ގަތުލްއާންމުގައި ސީދާގޮތުން ފުރާންސުން ބައިވެރިވިކަން އެނގެން ނެތަސް، އެޤައުމުން ވަނީ ގަތުލުއާންމު ހިންގުމަށް ތަރުހީބުދިން ރުވާންޑާގެ އޭރުގެ ސަރުކާރާއެކު ގާތް ގުޅުންތަކެއް ބާއްވާފައެވެ. އަދި އެކަމަށް ތައްޔާރުވަމުންދާކަން އެނގިހުރެވެސް ފުރާންސުން އަޅާލާފައި ނުވާކަމަށްވެސް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ރިޕޯޓްގައި ވަނީ، އެ ގަތުލްއާންމު ފެށުމަށް މެދުވެރިވި ހާދިސާކަމަށްވާ ރުވާންޑާގެ ހޫޓޫ ނަސްލުގެ ރައީސް ޖުވެނަލް ހަބްޔަރިމާނާގެ މަތިންދާބޯޓް، އެގައުމުގެ ވެރިރަށް ކިގާލީގެ މަތިން ވައްޓާލި ހާދިސާއާ ގުޅޭގޮތުންވެސް މުޅިން އާ ވާހަކަތަކެއް ހިމަނާފައެވެ. އެގޮތުން އެ ހާދިސާގެ ފަހަތުގައި ވަނީ ރުވާންޑާގެ މިހާރުގެ ރައީސް ޕޯލް ކަގާމޭގެ ރުވާންޑަން ޕެޓްރިއޯޓިކް ފްރަންޓުންކަމަށް ފުރާންސުގެ ކޯޓަކުން މީގެކުރިން ވަނީ ނިންމާފައެވެ. ނަމަވެސް ޙަޤީޤަތުގައި އެކަން ކޮށްފައިވަނީ ހޫޓޫ ނަސްލުގެ ހަރުކަށި ފިކުރުގެ މީހުންކަން ފުރާންސުގެ ޖާސޫސީ އިދާރާތަކަށް އެނގިފައިހުރެ، 27 އަހަރު ވާންދެން އެކަން ސިއްރުކޮށްފައިވާކަމަށް މި ތަޙުޤީޤީ ރިޕޯޓުން ވަނީ ހާމަވެފައެވެ.

އދ.ގެ މެންޑޭޓްގެ ދަށުން ފުރާންސުން އިސްވެ ހުރެ، 1994 ވަނަ އަހަރުގެ ޖޫން މަހާ އޮގަސްޓް މަހާއި ދެމެދު ރުވާންޑާގައި ވަނީ ޚާއްޞަ ހިއުމަނިޓޭރިއަން-މިލިޓަރީ އޮޕަރޭޝަނެއްވެސް ހިންގާފައެވެ. ނަމަވެސް މި އޮޕަރޭޝަނަކީ ރުވާންޑާގެ އޭރުގެ ސަރުކާރަށް އެއްބާރުލުންދީ، ފުރާންސުގެ އަސްކަރީ ހިމާޔަތުގެ ދަށުން ގަތުލުއާންމުގެ އިސްވެރިންނަށް ރުވާންޑާ ދޫކޮށް ފިލުމުގެ ފުރުޞަތު ފޯރުކޮށްދިން އޮޕަރޭޝަނެއްކަމަށް ގިނަބަޔަކު ތުހުމަތުކުރެއެވެ.

Advertisement

ކޮމެންޓް