ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދޫދޭކަށެއް ނެތިން: ރައީސް ނަޝީދު

27 Mar 2021 | 12:34

ދުބާއީގެ އެކްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ ކުންފުންޏަށް 75 ވެންޓިލޭޓަރު ގެންނަން ހަވާލުކުރުމުގައި ހިނގައިދިޔަކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި ދޫނުދެއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އެއްވެސް ފަރާތެއްގެ މައްޗަށް ދައުވާ ނުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާފައި ވަނިކޮށެވެ.

އެގޮތުން އެ މައްސަލަ އަލުން ރިވިއުކޮށް ބެލިއިރު، އައު މަޢުލޫމާތާއި، މައްސަލައިގައި ކުރިން ހޯދިފައިވާ ހެކި ޤަރީނާގެ މައްޗަށް ބަލައި، ޖިނާއީ ކުށެއްގައި ސާބިތުކޮށްދޭންޖެހޭ އުންޞުރުތައް ސާބިތުކޮށްދެވިދާނެކަމަށް ނުފެންނާތީއާއި، މައްސަލާގައި ދައުވާ ނުކުރުމަށް އެ އޮފީހުން ނިންމި ސަބަބުތައް އެގޮތުގައި ދެމިއޮތްކަމަށް ފެންނާތީއާއި، އެ ނިންމުމަށް ބަދަލުނުގެންނަށް ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ.

މިކަމާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެންޓިލޭޓަރގެ މައްސަލައިގައި މަތި ޖެހުނަ ދީފިނަމަ، އެކަމުން ރާއްޖޭގެ ރައްޔިތުންނަށް އިތުރަށް ލިބޭނެ ގެއްލުން ބޮޑެވެ. އެގޮތުން އެކަމުގައި ސަރުކާރުން ބައިވެރިވެފައިވާތަން ފެންނަކަމަށާއި، ވައްކަންކުރާ ސަރުކާރަކާއެކު އެމްޑީޕީ އޮތުމަށް ނޭދޭކަމަށްވެސް ވިދާޅުވިއެވެ.

"މިކަންކަން ބަދަލުކުރަންޖެހޭ އަދި ރައްޔިތުންނާ އެކުގަ އަޅުގަނޑު މިކަމުގައި ދޫދޭކަށް ނެތިން"، އެމަނިކުފާނު ވިދާޅުވިއެވެ.

ވެންޓިލޭޓަރުގެ މައްސަލައިގައި މީގެ ކުރިން ސަރުކާރުން އެކި ގޮތަށް ވާހަކަ ދައްކާފައިވާއިރު، ހެލްތު މިނިސްޓަރު އަހުމަދު ނަސީމްވެސް އެންމެ ފަހުން ވިދާޅުވެފައިވަނީ ވެންޓިލޭޓަރުތައް ލިބޭނެ ކަމުގެ ޔަގީންކަމެއް މިހާރު ނެތް ކަމަށެވެ.  

Advertisement

ކޮމެންޓް