ސިނޮފާމް ވެކްސިންތަކުގެ ދެވަނަ ބެޗާއެކު މޯލްޑިވިއަންގެ ފްލައިޓެއް މިރޭ މާލެއަށް!

30 Mar 2021 | 14:55

ކޮވިޑް-19އިން ދިފާއުވުމަށް ވެކްސިން ޖެހުމަށް ރާއްޖޭގައި ހިންގަމުންދާ ޤައުމީ ހަރަކާތަށް ޗައިނާ ސަރުކާރުގެ ފަރާތުން ހަދިޔާކުރި ވެކްސިންތަކުގެ ދެވަނަ ބެޗް މިރޭ ދިވެހިރާއްޖެއަށް އަންނާނެކަމަށް ބުނެފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ އެއާލައިންކަމަށްވާ މޯލްޑިވިއަންއިން ބުނީ ޗައިނާ ސަރުކާރުން ހަދިޔާކުރި ސިނޮފާމް ވެކްސިންތަކުގެ ދެވަނަ ބެޗާއެކު އެ އެއާލައިންގެ ފްލައިޓެއް މިރޭ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާނެކަމަށެވެ. މި ދެވަނަ ބެޗްގައި އެއްލައްކަ ވެކްސިން ޑޯޒް ހިމެނޭނެއެވެ.

ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރަން ނިންމާފައިވަނީ ސިނޮފާމް ވެކްސިންގެ ޖުމްލަ ދެލައްކަ ޑޯޒެވެ. އޭގެ ތެރެއިން ފުރަތަމަ ބެޗް ރާއްޖެއަށް ގެނެސްފައިވަނީ މިމަހުގެ 24ވަނަ ދުވަހުގައެވެ. އެ ބެޗްގައިވެސް ހިމެނުނީ އެއް ލައްކަ ޑޯޒެވެ.  

ޗައިނާއިން މިހާތަނަށް ވެކްސިން ހަދިޔާކުރި ގައުމުތަކުގެ ތެރެއިން، އެޤައުމުން ގާތް އަސްކަރީ ގުޅުންތައް ބާއްވާ ޕާކިސްތާނު އަދި ކެމްބޯޑިޔާ ފަދަ ޤައުމުތައް ފިޔަވައި އެހެން ޤައުމުތަކަށް ވެކްސިންތައް ގެނެސްފައިވަނީ އެޤައުމުތަކުން އަމިއްލައަށެވެ.

ދިވެހިރާާއްޖޭގައި މިހާރު ކުރިއަށްދާ ކޮވިޑް ވެކްސިން ދިނުމުގެ ކެމްޕެއިންގައި ފުރަތަމަ ޑޯޒް އަލަށް ޖަހާ ފަރާތްތަކަށް މިވަގުތު ދެމުންދަނީ ސިނޮފާމް ވެކްސިނެވެ. ޗައިނާގައި އުފައްދާފައިވާ ސިނޮފާމް ވެކްސިނަކީ އިންއެކްޓިވޭޓެޑް ވެކްސިނެކެވެ. މީގެ މާނައަކީ މި ވެކްސިން ޖެހުމުން ހަށިގަނޑަށް ވަންނަ މަރާލެވިފައިވާ ވައިރަލް ޕާޓިކަލްތަކުން، ހަށިގަނޑުގައި އެ ވައިރަސް އުފެދުން ހުއްޓުވާ ދިފާޢީ ނިޒާމް ކޮރޯނާ ވައިރަހާ ދެކޮޅަށް މަސައްކަތްކުރުމަށް އާދަކުރުވައެވެ. އިންއެކްޓިވޭޓެޑް ވެކްސިން ނިޒާމަކީ، ޕޯލިއޯ ފަދަ ބަލިތަކާ ދެކޮޅަށްވެސް ކާމިޔާބުކަމާއެކު ބޭނުންކޮށްފައިވާ ނިޒާމެކެވެ. މިއީ ދެ ޑޯޒް ހިމެނޭ ވެކްސިނެކެވެ.

Advertisement

ކޮމެންޓް