ޕީޕީއެމްގެ ގައުމީ ޖަލްސާ ހުއްޓުވުމަށް އިލެކްޝަންސް އަށް!

27 Sep 2018 | 12:55

ޕީޕީއެމް އިން ބާއްވަން އުޅޭ ގައުމީ ބައްދަލުވުން ހުއްޓުވައިދިނުމަށް ރައީސް މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް އިލެކްޝަންސް ކޮމިޝަންގައި އެދިއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސަށް ނަދީމް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، ޕީޕީއެމް އިން 28 ސެޕްޓެމްބަރ ގައި ބާއްވާނެކަމަށް އިއުލާން ކޮށްފައިވާ ގައުމީ ޖަލްސާ އަކީ ޕާޓީގެ އަސާސީ ޤަވައިދުގެ 33 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބެއް މެދުވެރިވެފައި ނުވާ ހާލަތެއްގައި ބާއްވާ ގައުމީ ޖަލްސާއެއް ކަމަށެވެ.

އެމާއްދާގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް މެދުވެރިނުވާނަމަ ދެން ހާއްސަ ގޮތުން ބާއްވާ ގައުމީ ޖަލްސާއެއް ބޭއްވެން ޤަވައިދުން ޖާގަދެނީ ޕާޓީގެ ކައުންސިލުން އެގޮތައް ފާސްކޮށްގެން ކަމަށް އެ ސިޓީގައި ނަދީމު ވިދާޅުވި އެވެ.

އެހެންނަމަވެސް ޕާޓީގައި މިހާރު ހަރަކާތްތެރިވަމުންދާ ކައުންސިލަކީ އަސާސީ ޤަވައިދުގެ ދަށުން ސައްހަ ކައުންސިލެއް ނޫންކަމަށާއި، ކައުންސިލްގެ ދައުރަކީ 5 އަހަރު ދުވަސްކަން އަސާސީ ޤަވައިދުގެ 81 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމަށް އެ ސިޓީގައި ވެއެވެ. އަދި އަސާސީ ޤަވައިދުގައި ބަޔާންކޮށްފައިވާ ކައުންސިލް ވަނީ ޖަނަވަރީ 2018 ގެ ނިޔަލަށް އުވިފައިވާކަންވެސް ސިޓީގައި ވަނީ ފާހަގަ ކޮށްފައެވެ.

ނަދީމްގެ ސިޓީގައި އިތުރަށް ވިދާޅުވެފައިވަނީ، ކަން މިހެން ހުރިއިރު ޕީޕީއެމް އިން ބާއްވަން އުޅޭ ހާއްސަ ގޮތުން ބާއްވާ ގައުމީ ބައްދަލުވުން ކުރިއަށް ނުގެންދިއުމަށް އެޕާޓީއަށް އަންގަވައި އެކަން ހުއްޓުވައި ދެއްވުމަށް އެދި ޕީޕީއެމްގެ މެންބަރެއްގެ ހައިސިއްޔަތުން ދަންނަވާކަމަށެވެ.

Advertisement

ކޮމެންޓް