ގައިދުރުކޮށްގެން ނަމާދުކުރާ އުސޫލު ނިމުމަކަށް ގެނެސްފި

02 Apr 2021 | 18:35

ކޮވިޑް-19 ފެތުރެމުން ދިއުމާއި ގުޅިގެން ރައްކާތެެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހަމަޖައްސާފައި އޮތް މިސްކިތްތަކުގައި ޖަމާޢަަތުގައި ނަމާދުކުރާއިރު ގައިދުރުކޮށްގެން ނަމާދުކުރާ އުސޫލު ނިމުމަކަށް ގެނެސްފިއެވެ.

އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން މިސްކިތްތަކުގައި ގައިދުރުކަމާއެކު ނަމާދުކުރުމަށް ނިންމާފައިވާ ނިންމުން، މިއަދުގެ މަޣްރިބް ނަމާދުން ފެށިގެން ނިމުމަކަށް ގެނެވިފައިވާ ކަމަށެވެ.

ނަމަވެސް މިސްކިތްތަކުގައި މީގެކުރިންވެސް ޢަމަލުކުރުމަށް އަންގާފައިވާ ފިޔަވަޅުތަކަށް ޢަމަލުކުރަމުން ގެންދާނެއެވެ.

އެގޮތުން މިސްކިތްތަކުގައި ޖަމާޢަަތުގައި ނަމާދުކުރާއިރު، ގެއިން ވުޟޫކޮށްގެން ދިއުމަށާއި، ގެއިން މުސައްލައެއް ހިފައިގެން ދިއުމަށާއި، މާސްކް އެޅުމަށާއި އަދި މިސްކިތަށް ވަދެނުކުތުމުގައި ގައިދުރުކަން ބެހެއްޓުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފައެވެ.

މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި ބަލިހާލަތު ގޯސް މީހުންގެ އިތުރުން ކޮވިޑްގެ އަލާމާތްތައް ހުރި މީހުން މިސްކިތަށް ނުދިއުމަށް ވަނީ އެދިފައެވެ.

Advertisement

ކޮމެންޓް