ބޮޑެތި މަރުގެ މައްސަލަތައް ބެލުން ލަސް، މިއީ އެމްޑީޕީ މެންބަރުންގެ ކަންވޮޑުވުމެއް: ރައީސް ޞާލިޙް

14 Apr 2021 | 00:13

މަރާލެވިފައިވާ މީހުންނާއި، ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ބެލުމުގައި ލަސްވަމުން ދިޔުމަކީ އެމްޑީޕީގެ މެންބަރުންގެ ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް މާލެ ސިޓީގެ މެޖޯރިޓީ ގެއްލުނު ސަބަބުތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ ވޯޓާ ބޭސް ގަބޫލު ކުރާ ގަބޫލުކުރުންތަކެއް ހުންނަ ކަމަށެވެ.

"ދެން މިއޮތް ވޯޓާ ބޭސްގައި އެބައުޅޭ ތަފާތުތަކެއް ވޯޓުލުމުގައި. އެމްޑީޕީގެ މެންބަރުން ބޮޑަށް މި ގަބޫލުކުރަނީ، އިޝޫތަކެއްގެ މައްޗަށް. ކަންތައްތަކެއް ބަދަލުކުރަން ބޭނުންވީ. ވައްކަމާ އިދިކޮޅު. ކޮރަޕްޝަނާ އިދިކޮޅު. ޚިޔާލުފާޅުކުރުމާއި މިނިވަންކަމާ އެއްކޮޅު. މިހެންގޮސް ހުރި ވެލިއުތަކެއް އެބަހުރި، އެމްޑީޕީގެ އިން ގަބޫލުކުރާ މިކަންތައްތައް މިހާރަށްވުރެ ރަނގަޅު ކުރަން ދިން މެސެޖެއް ކަމުގައި އަޅުގަނޑު ގަބޫލުކުރަނީ."

ރައީސް ޞާލިޙު އިތުރަށް ވިދާޅުވީ އެމްޑީޕީގެ މެންބަރުން ދިން މެސެޖާއި އެއްގޮތަށް ކުރިއަށް ދިޔުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.

އެމްޑީޕީން 2018 ވަނަ އަހަރު، ރިޔާސީ އިންތިޚާބަށް ކުރި ކެމްޕެއިނުގައި ބޮޑެތި މަރުގެ މައްސަލަތައް ބަލައި އިންސާފު ހޯދައިދިނުމަށް ވަޢުދުވިއެވެ. އެކަމަށްޓަކައި މަރު ކޮމިޝަނެއްވެސް އުފެއްދިއެވެ. އެހެންނަމަވެސް މިހާތަނަށް އެދެވޭ ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ.

Advertisement

ކޮމެންޓް