ވެރިކަމަށް ތިން އަހަރުވާން ކައިރިވީއިރު، ނިމިފައި ހުރި މިސްކިތެއް ހުޅުވާނުލެވުނު: ޝިޔާމް

15 Apr 2021 | 05:50

ދެއަހަރާއި ބައިވެގެން ދިޔައިރު ނިމިފައި ހުރި މިސްކިތެއް ހުޅުވާލަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުއަށް ނުކެރުނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާހު ހުށަހަޅުއްވާފައިވާ އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރައްވަމުން ޝިޔާމް ވަނީ، ސައުދީ އަރަބިއާގެ އެހީގައި މާލޭގައި އިމާރާތްކޮށްފައިވާ ކިންގް ސަލްމާން މިސްކިތް ނުހުޅުވައި، ގިނަ ދުވަސްތަކެއް ވަމުން އައިސް، މި ފެށުނު ރަމަޟާން މަހަށްވެސް އެމިސްކިތް ނުހުޅުވޭތީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

"މިފަދަ ކަންކަމާ ދޭތެރޭ ރައްޔިތުން ބަސް ބުނާކަން މި އެނގެނީ. ކަންކަން ރަނގަޅު ކުރައްވާ. ރައީސް ޔާމީން އެބަޖެހޭ ގެއަށް ބަދަލު ކުރަން" ޝިޔާމް ވިދާޅުވިއެވެ.

ކިންގް ސަލްމާން މިސްކިތް ނުހުޅުވައި ލަސްވަމުންދާތީ، މާލެ ސިޓީގެ އިންތިޚާބީ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒުވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެގޮތުން ޑރ.މުޢިއްޒު ވަނީ ވީހާވެސް އަވަހަކަށް އެ މިސްކިތް ހުޅުވުމަށް ސަރުކާރަށް ގޮވާލައިފައެވެ.

މިސްކިތް ހުޅުވުން ލަސްވަނީ، އެކަމަށްޓަކައި ސައުދީ އަރަބިއާއިން އަންނަން ޖެހޭ އޮފިޝަލުންނަށް، ކޮވިޑް-19އާއި ގުޅިގެން ރާއްޖެއަށް ނާދެވޭތީ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. 

Advertisement

ކޮމެންޓް