ލޭގަނޑުވުމުގެ މައްސަަލަތަކެއް ދިމާވެ ޑެންމާކުން އެސްޓްރަޒެނެކާ ވެކްސިން ދިނުން ހުއްޓާލައިފި

15 Apr 2021 | 23:29

ކޮވިޑް-19އިން ރައްކާތެރިވުމަށްޓަކައި ބޭނުންކުރާ އެސްޓްރަޒެނެކާ ވެކްސިނާއި ގުޅިގެން ބައެއް ކަންބޮޑުވުންތައް އުފެދިފައިވާއިރު، ޑެންމާކުގައި މި ވެކްސިން ދިނުން ހުއްޓާލައިފިއެވެ.

މި ކަންބޮޑުވުންތަކާއި ގުޅިގެން، މީގެ ކުރިން ޔޫރަޕްގެ ބައެއް ޤައުމުތަކުންވެސް އެސްޓްރަޒެނެކާ ވެކްސިން ދިނުން ވަގުތީ ގޮތުން ހުއްޓާލާފައި ވެއެވެ. ބައެއް ޤައުމުތަކުގައި އަލުން ވެކްސިން ދޭން ފެށިނަމަވެސް ބައެއް އޭޖް ގްރޫޕްތަކަށް ވެކްސިން ނުދިނުމަށް ވަނީ ނިންމާފައެވެ.

އެސްޓްރަޒެނެކާ ވެކްސިން ޖަހާ ބައެއް ފަރާތްތަކަށް ބްލަޑް ކްލޮޓް އުފެދުމުގެ މައްސަލަތަކެއް ދިމާވެފައިވާކަމަށް މަދުން ނަމަވެސް ވަނީ ރިޕޯޓްކޮށްފައެވެ. ޔޫރަޕިއަން މެޑިސިން އެޖެންސީންވެސް ވަނީ އެ ވެކްސިންއާއި، ލޭގަނޑުވުމުގެ މައްސަލަތަކާއި ގުޅުން އޮވެދާނެ ކަަމަށް ބުނެފައެވެ. އެހެންނަމަވެސް، އެ އެޖެންސީން ބުނީ ބްލަޑް ކްލޮޓަށްވުރެ، ކޯވިޑް ޖެހިގެން މަރުވުމުގެ ރިސްކް ބޮޑު ކަމަށެވެ.

އަންގާރަ ދުވަހު، އެމެރިކާއާއި ކެނެޑާ އަދި ޔޫރަޕިއަން ޔޫނިއަނުން ވަނީ ޖޯންސަން އެންޑް ޖޯންސަން ވެކްސިންވެސް މެދުކަނޑާލާފައެވެ. މިވެކްސިންއާއި ގުޅިގެން އުފެދިފައިވާ ކަންބޮޑުވުމަކީވެސް، ވެކްސިން ޖެހި ފަރާތްތަކަށް މަދުން ނަމަވެސް ލޭގަނޑުވުމުގެ މައްސަލަތައް ދިމާވުމެވެ. 

Advertisement

ކޮމެންޓް