ރަމަޟާން މަހުގައި ވެކްސިން ސެންޓަރުތައް ހުޅުވާފައި ހުންނަ ވަގުތު އިތުރުކޮށްފި

15 Apr 2021 | 13:44

ކޮވިޑް ވެކްސިން ޖަހަން ތިބި މީހުންގެ އަދަދު ގިނަވުމުގެ ސަބަބުން، ރަމަޟާން މަހުގައި ވެކްސިން ސެންޓަރުތައް ހުޅުވާފައު ހުންނަ ވަގުތުތައް އިތުރުކޮށްފިއެވެ.

މީގެކުރިން ހަމަޖެހިފައި އޮތް ގޮތަށް ބަލާނަމަ، ރަމަޟާން މަހުގައި ކޮވިޑް ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 9 އިން ފެށިގެން 11 ޖެހުމާއި ހަމައަށެވެ. ނަމަވެސް މި ވަގުތު މާ ކުޑަކަމަށާއި ވެކްސިންގެ ފުރަތަމަ އަދި ދެވަނަ ޑޯޒް ޖެހުމަށް ގިނަބަޔަކު ތިބިކަމަށްބުނެ އާންމުންގެ ތެރެއިން ގިނަބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިއާއި އެކު، ރަމަޟާން މަހުގައި ވެކްސިން ސެންޓަރުތައް ހުޅުވާފައި ހުންނާނެ އާ ގަޑިއަކީ ކޮންމެ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް، ރޭގަނޑު 9 އިން 11:45 އާއި ހަމައަށްކަމަށް އެޗްޕީއޭއިން ވަނީ މިއަދު ނިންމައި އިއުލާންކޮށްފައެވެ.

ރޯދަ މަހު ވެކްސިން ޖެހުމަށް ގެނައި ބަދަލާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުންނެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ހަ ސެންޓަރެއްގައި ދޭނެ ކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދެއެވެ. އެގޮތުން ސޯޝަލް ސެންޓަރާއި ނެޝަނަލް އާޓް ގެލަރީ އާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރާއި ވިލިމާލެ ޒުވާނުންގެ މަރުކަޒު އަދި ސެނެހިޔާގައި ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ދޭނެ ކަަމަށްވެސް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ.

ދިވެހިރާާއްޖޭގައި މިހާރު ކުރިއަށްދާ ކޮވިޑް ވެކްސިން ދިނުމުގެ ކެމްޕެއިންގައި ފުރަތަމަ ޑޯޒް އަލަށް ޖަހާ ފަރާތްތަކަށް މިވަގުތު ދެމުންދަނީ ސިނޮފާމް ވެކްސިނެވެ. ޗައިނާގައި އުފައްދާފައިވާ ސިނޮފާމް ވެކްސިނަކީ އިންއެކްޓިވޭޓެޑް ވެކްސިނެކެވެ. މީގެ މާނައަކީ މި ވެކްސިން ޖެހުމުން ހަށިގަނޑަށް ވަންނަ މަރާލެވިފައިވާ ވައިރަލް ޕާޓިކަލްތަކުން، ހަށިގަނޑުގައި އެ ވައިރަސް އުފެދުން ހުއްޓުވާ ދިފާޢީ ނިޒާމު ކޮރޯނާ ވައިރަހާ ދެކޮޅަށް މަސައްކަތްކުރުމަށް އާދަކުރުވައެވެ. އިންއެކްޓިވޭޓެޑް ވެކްސިން ނިޒާމަކީ، ޕޯލިއޯ ފަދަ ބަލިތަކާ ދެކޮޅަށްވެސް ކާމިޔާބުކަމާއެކު ބޭނުންކޮށްފައިވާ ނިޒާމެކެވެ. މިއީ ދެ ޑޯޒް ހިމެނޭ ވެކްސިނެކެވެ.

Advertisement

ކޮމެންޓް