ދިއްލީގައި ކޮވިޑްގެ ހާލަތު ގޯސްވެ، ހޮސްޕިޓަލެއްގެ އެއް އެނދެއްގައި ދެ ބަލިމީހުން!

16 Apr 2021 | 14:31

އިންޑިއާގެ ވެރިރަށް ދިއްލީގައި ކޮވިޑް-19 ފެތުރެމުންދާ މިންވަރު އިންތިހާއަށް އިތުރުވެ، އެކަމަށް ފަރުވާދޭން ޚާއްޞަކޮށްފައިވާ ބައެއް ހޮސްޕިޓަލްތަކަށް ވަރަށް ބޮޑަށް ބާރުބޮޑުވެއްޖެއެވެ.

ދިއްލީގައި ކޮވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށް އެ ޝަހަރުގައި ވަނީ ރޭގަނޑުގެ ކާފިއުއެއްވެސް އިޢުލާންކޮށްފައެވެ. އެގޮތުން މި މުއްދަތުގައި ރޭގަނޑު 10 އިން ފެށިގެން ފަތިހު 5 ޖެހުމާއި ހަމައަަށް ޒަރޫރީ ބޭނުމަކާއި ނުލައި މަގުމައްޗަށް ނުކުތުން ވަނީ މަނާކުރެވިފައެވެ. މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ދިއްލީގައި ކޮންމެ ދުވަހަކު ދަނީ 10،000 އަށްވުރެ ގިނަ މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވަމުންނެވެ.

މިއާއި އެކު، އެ ޝަހަރުގެ ހޮސްޕިޓަލްތަކުގެ އެތެރެއިންނާއި ބޭރުންވެސް ފެންނަމުންދަނީ ހިތްދަތި މަންޒަރުތަކެކެވެ. ދިއްލީގެ ލޮކް ނާޔަކް ޖޭ ޕްރަކާޝް ނާރާޔަން ހޮސްޕިޓަލް (އެލްއެންޖޭޕީ)އަކީ، 1500 އެނދާއި އެކު މިވަގުތު އިންޑިއާގައި ހުރި އެންމެ ބޮޑު އެއް ކޮވިޑް-19އަށް ޚާއްޞަކޮށް ފަރުވާދޭ މަރުކަޒެވެ. ނަމަވެސް އެތަނުގެ ފުރެމުންދާ ކެޝުއަލްޓީ ވޯޑަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެންބިއުލާންސް، ބަސް އަދި ކުރޮޅީގައިވެސް ބަލިމީހުން ދަނީ އަންނަމުންނެވެ.

މިވަގުތު އެ ހޮސްޕިޓަލްގައި ކޮވިޑް ބަލީގައި ހާލަތު ސީރިއަސްވާ ފަރާތްތަކަށް ޚާއްޞަ 300 އެނދު ހުރިނަމަވެސް، އެ އެނދުތަކުންވެސް ނުފުދޭކަމަށް ރޮއިޓާސްއިން ވަނީ ރިޕޯޓްކޮށްފައެވެ. އެގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ބަލިމީހުން އެނދުތައް ހިއްސާކުރަމުންދާއިރު، ބަލީގައި ދާދިފަހުން ނިޔާވި ފަރާތްތަކުގެ ހަށިގަނޑުތައް މޯޗަރީއަށް ގެންދެވެންދެން ވޯޑްގެ ބޭރުގައި ބަހައްޓާފައިވާކަަމަށްވެސް އެ ނޫހުން ވަނީ ބުނެފައެވެ. މިއާއި އެކު، އެ ހޮސްޕިޓަލުގައި އެނދުމަތިވާނެ ޖާގަ ހޯދުމަށް ބައެއް ފަރާތްތަކުން ދަނީ ބްރޯކަރުންނަށް ފައިސާވެސް ދެމުންނެވެ.

ދިއްލީގައި ކޮވިޑްގެ ހާލަތު މިހާ ބޮޑަށް ގޯސްވެފައިވަނީ، ނުރައްކާތެރި އާ ވޭރިއަންޓެއް ފެނިފައިވީނަމަވެސް އާންމުންގެ ފަރާތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ނުވާތީކަމަށް ކަމާއިބެހޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

Advertisement

ކޮމެންޓް