އެމްޑީޕީން އެދުނު ވޯޓު ފޮށިތައް އަލުން ނުގުނާނެކަން އީސީއިން ހާމަކޮށްފި

20 Apr 2021 | 13:10

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ހުށަހެޅި ހަ ޝަކުވާއެއްގައި ވާގޮތަށް، ވޯޓު ފޮށިތައް އަލުން ނުގުނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ޝަކުވާގެ ގޮތުގައި ހުށަހެޅި މާލޭގެ ހަ ދާއިރާގެ ވޯޓު ފޮށީގެ މައްސަލައެވެ. އެއީ މެދު ހެންވޭރު ދާއިރާ, ހެންވޭރު ދެކުނު ދާއިރާ، ހެންވޭރު ހުޅަނގު ދާއިރާ، މައްޗަންގޯޅި އުތުރު ދާއިރާގެ އިތުރުން މާފަންނު އުތުރު ދާއިރާ، މާފަންނު ހުޅަނގު ދާއިރާއެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ބާތިލް ވޯޓު އިތުރުވުމަކީ ވޯޓު ފޮށި އަލުން ގުނަންޖެހޭ ސަބަބެއްކަމަށް ގަބޫލުނުކުރައްވާކަމަށެވެ. އަދި ދެ ކެނޑިޑޭޓުންގެ މެދުގައިވާ ފަރަގަށްވުރެ ބާތިލް ވޯޓު އިތުރުވުމަކީވެސް ސަބަބެއްކަމަށް ކޮމިޝަނުން ނުދެކޭކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީން ހުށަހެޅި މައްސަލާގައި ބުނެފައިވާގޮތުން ލޯކަލް ކައުންސިލް އިންތިޚާބުގައި އެއް ކަރުދާހުގައި ކިތަންމެ ގިނަ ވޯޓެއް ހުރިކަމުގައި ވީނަމަވެސް، ވަކި ވޯޓެއް ޞައްޙަވުމުގައި ފުރިހަމަވާންޖެހޭކަމަށް ޤާނޫނުން ކަނޑައަޅާފައިވާ ޝަރުޠުތައް ފުރިހަމަވާނަމަ އެ ވޯޓެއް ޞައްޙަވާނެކަމަށެވެ.

Advertisement

ކޮމެންޓް