މާވަށާއި ގާދިއްފުށީގެ ފޮށިތަކަކަށް އަލުން ވޯޓުލާން ނިންމައިފި
ތ.ގާދިއްފުއްޓާއި ލ.މާވަށުގައި ވޯޓުލުމުގެ މަސައްކަތް އަލުން ކުރިއަށްގެންދަން އިލެކްޝަން ކޮމިޝަނުން(އީސީ)ން ނިންމައިފިއެވެ.
އިލެކްޝަން ކޮމިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބާ ގުޅޭގޮތުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން ގާދިއްފުއްޓާއި މާވަށުގައި އަލުން ވޯޓުލާން ނިންމާފައިވާކަމަށެވެ.
މި ދެ ރަށުގައިވެސް ވޯޓުލުން އަލުން ކުރިއަށްގެންދަން ނިންމާފަައިވަނީ ދާއިރާ ނޫން ބަޔަކު އެ ދެ ރަށުގެ ކައުންސިލަށް ވޯޓުލާފައިވާތީކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ކޮމިޝަނުން ނިންމާފައިވަނީ އެ ފޮށީގެ އަންހެނުންނަށް ޚާއްޞަ ގޮނޑީގެ ބައިގެ ވޯޓުލުން އަލުން ބާއްވަން ކަމަށާއި ބާއްވާނީ ވޯޓު ފަރަޤު އެންމެ ކުޑަ ދެ މީހުންގެ ދެމެދުގައި ކަމަށެވެ.
ޝަރީފު ވިދާޅުވީ، ގާދިއްފުށީފައި ވޯޓުލުން ކުރިއަށްގެންދަން ނިންމާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް މަރިޔަމް ޙަސަނާއި ޕީޕީއެމްގެ ކެނޑިޑޭޓް ހައްވާ ޢަބްދުލްޙާދީއާ ދެމެދު ކަމަށެވެ.
އަދި މާވަށުގައި ކުރިއަށްގެންދާނީ ކައުންސިލްގެ ރައީސް ކަމުގެ ވޯޓު އެކަނިކަމަށް ޝަރީފް ވިދާޅުވިއެވެ. މި ދެ ރަށުގައި ވޯޓުލުން އަލުން ބާއްވާނެ ތާރީޚެއް އިލެކްޝަން ކޮމިޝަނުން ފަހުން އިޢުލާން ކުރައްވާނެކަމަށާއި، ދެ ރަށުގައިވެސް ވޯޓުލެވޭނީ، ރަޖިސްޓްރީވެފައިވާ މީހުންނަށް އެކަނިކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists